ފިލުމު އިންޑަސްޓްރީ ނުވަތަ ޓީވީ އިންޑަސްޓްރީގެ އެކްޓަރެއް ނަމަ އޭނާގެ ހަށިގަނޑުގެ ސައިޒު ވަކި މިންވަރެއްގައި ބެހެއްޓުމަކީ މުޖުތަމައު ދެކޭގޮތެވެ.

އެކްޓަރެއް ފަލަވެއްޖެ ނަމަ އޭނާއަށް މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވެއެވެ. އެކަމުގެ ސަބަބުން ގިނަ މީހުންގެ ކެރިއަރ ފެށުމުގެ ކުރިން ނިންމާލާ އިންޑަސްޓްރީއާ ދުރަށް ދެއެވެ.

މިފަދަ މަލާމާތާއި ފުރައްސާރަ ރައްދުވި އެއް އެކްޓަރަކީ ފިލުމު ''އިޝަގްޒާދޭ'' އިން 2012 ވަނަ އަހަރު ފިލުމު އިންޑަސްޓްރީއަށް ތަޢާރަފްވި އަރުޖުން ކަޕޫރުއެވެ.

ފުރަތަމަ ފިލުމަށް އަރުޖުން ވަނީ 140 ކިލޯއިން 50 ކިލޯ ލުއިކޮށްފައެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ހުންނަ ގޮތުން އޭނާއަށް ފިލުމު ލިބެން އުނދަގޫވި ކަމަށާއި އޭނާގެ ފިލުމުތައް ބެލުންތެރިން ބަލައިނުގަންނަ ކަމަށް އަރުޖުން ބުނެފައިވެއެވެ.

މިއީ އިންޑަސްޓްރީ ދޫކޮށް އަރުޖުން ދާންވީ ވަގުތު ނަމަވެސް އޭނާ އެކަމާއި ކުރިމަތިލީ ހިތްވަރާއި އެކުގައެވެ. ބެލުންތެރިންނަށް އެކަން ސާބިތުކޮށްދިނުމުގެ ބަދަލުގައި އަރުޖުންއަށް ހަށިގަނޑަށް ބަދަލު ގެނެވޭނެކަން އޭނާ ސާބިތު ކޮށްދިނީ އަމިއްލަ ނަފުސަށާއި ކުރިން ވެސް އޭނާއަށް އިތުބާރު ކުރި ފަރާތްތަކަށެވެ.

އާދަޔާ ޚިލާފަށް ފަލަވާ ބައްޔާއި ސިއްހީ އެތައް ކަމަކާއި ކުރިމަތިލާން ޖެހުނު އަރުޖުންއަށް އެކްޓަރެއްގެ ގޮތުން ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫވި ކަމަކީ ހަށިގަނޑުގެ ސައިޒެވެ. މީހުންގެ މަލާމާތާއި ފާޑުކިޔުމަށް މީގެ ކުރިން ޖަވާބުދާރީ ނުވި ނަމަވެސް އަރުޖުން މިއަދު ވަނީ އެކަމަށް ޖަވާބުދާރީވެފައެވެ.

އެ ދުވަސްވަރު އަރުޖުން އުޅުނު ހާލާއި އޭނާއަށް ކުރިމަތިލާން ޖެހުނު ކަންތައްތައް މީހުންނަށް އިހުސާސް ނުކުރެވޭނެ ކަމަށް އަރުޖުން ބުނެފައިވެއެވެ.

ހަށިގަނޑަށް ގެނައި ބޮޑު ބަދަލާއި އެކު އަރުޖުން ވަނީ ފާޑުކިޔުންތެރިންގެ ފާޑުކިޔުންތައް ހުއްޓުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު