ބޮލީވުޑްގެ ސީކުއަލް ފިލުމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސީކުއެލްއެއް ކަމުގައިވާ ދަބަންގެގެ ފުރަތަމަ ތިން ފިލްމު ކާމިޔާބުވުމަށް ފަހު އޭގެ ހަތަރު ވަނަ ބައެއް އަންނަ ކަމުގެ އިޝާރާތެއް ސަލްމާން ހާން ދީފިއެވެ.

އަރުބާޒު ޚާން ހުށަހަޅައިދޭ ޗެޓް ޝޯއެއްގައި ސަލްމާނަށް ކުރި ސުވާލެއްގެ ޖަވާބުން ދަބަންގެ 4 ގެ ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމުގެ އިޝާރާތެއް ވަނީ ދީފިއެވެ.

އަވަސް ޖަވާބު ދޭ ސެޝަނެއްގައި ސަލްމާނާ ސުވާލު ކުރަމުން އަރުބާޒު ބުނެފައިވަނީ ދަބަންގެ 1،2،3 އަދި 4 ގެ ތެރެއިން ސަލްމާނަށް އެންމެ ކަމުދަނީ ކޮން ފިލުމެއްތޯއެވެ.

މި ސުވާލަށް ޖަވާބުދެމުން ސަލްމާން ބުނެފައިވަނީ ދަބަންގެ ހަތަރެއް ކަމަށެވެ.

މި ފިލުމުގެ ޑައިރެކްޓަރު އަރުބާޒު ޚާނާއި މައިގަނޑު ކެރެކްޓަ ސަލްމާން ޚާންގެ މި ސުވާލާއި ޖަވާބުން ދަބަންގެ ސަޕޯޓަރުންނަށް ލިބުނީ އުފާވެރި ޚަބަރެކެވެ.

ދެހާސް ދިހަ ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް އައި މި ފިލުމުގައި ސަލްމާން ޚާން އަދާކުރަނީ ފޮލިސް އޮފިސަރެއްގެ ރޯލެވެ. މި ފިލުމަކީ ބަތަލާ ސޮނާކްޝީ ސިންހާ ފިލުމު އިންޑަސްޓްރީއަށް ތައާރަފްވި ފުރަތަމަ ފިލުމެވެ.

ދަބަންގްގެ ކާމިޔާބަށް ފަހު މި ފިލުމުގެ ދެ ވަނަ ފިލުމެއް ވަނީ 2012 ވަނަ އަހަރު ރިލީޒް ކޮށްފައެވެ. އަދި 2019 ވަނަ އަހަރު ވަނީ މި ފިލުމުގެ ތިންވަނަ ބައި ރިލީޒް ކޮށްފައެވެ.

ދަބަންގްގެ ފުރަތަމަ ތިން ފިލުމަކީ ވެސް ވަރަށް ކާމިޔާބު ގިނަ ބެލުންތެރިންނެއް ޝައުގުވެރިކަމާއެކު ބަލާފައިވާ ފިލުމު ތަކެކެވެ. އެހެންކަމުން ދަބަންގް 4 ވެސް އެހާމެ ރީތިވާނެ ކަމަށް ބެލުންތެރިން އުއްމީދު ކުރެއެވެ.