އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ގަބުރުސްތާނެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ތަންތަން އެޅުމަށް، އެތަނަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ދާން ބައެއް ފަރާތްތަކުން ބިރުން އުޅޭތީ، އެދާއިރާގެ މެންބަރު ޚާއްޞަ ކަމެއް ކޮށްފިއެވެ. އޭނާވަނީ އެމީހުންގެ ހިތްތަކުން ބިރުވެރިކަން ފިލުވައި، އެތަނަކީ ބިރުވެރި ތަނެއް ނޫންކަން އަންގައިދޭން އެތަނުގައި ނިދާފައެވެ.

އެސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުގައި މެންބަރުކަން ކުރާ މި މެންބަރަކީ ތެލޫގޫ ދޭސަމް ޕާޓީ އަށް ނިސްބަތްވާ ނިމްމަލާ ރާމޫ ނައިދާ ނަމަކަށް ކިޔާ މީހެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް އިތުރަށް ބުނާގޮތުގައި، މެންބަރު ގަބުރުސްތާނުގައި ނިދާފައިވަނީ އެތަނުގެ ބިންމަތީގައި ގޮދަނޑިއެއް ބާއްވައިގެންނެވެ. ހަމައެހެންމެ، އޭނާ އެރޭގެ ކެއުންވެސް ކުރިއަށް ގެންގޮސްފައިވަނީ ގަބުރުސްރާނުގެ ހަތަރުފާރުގެ އެތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ނައިދާ ބުނެފައިވަނީ، އޭނާ މިކަން ކުރުމުގެ މައިގަނޑު މަޤުޞަދަކީ، އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ، އޭނާގެ ދާއިރާގެ ރައްޔިތުންގެ ހިތްތަކުން ބިރުވެރިކަން ފިލުވައި، އެމީހުންނަށް ސާބިތުކަން ދިނުންކަމަށެވެ.

އޭނާ އިތުރަށް ބުނިގޮތުގައި އޭނާއަށް ހަމައެކަނި އުނދަގުލަކަށް ދިމާވި ކަމަކީ އެތަނުގައި މަދިރި ގިނަވުންކަމަށާއި އަދި އެތަނުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިތައް އެންދުމަށްފަހު ބައެއް ކުނި އަޅާ ތަނަކުން ނުބައި ވަސް ދުވިކަމަށެވެ.

މި ގަބުރުސްތާނުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ސީދާ މެންބަރުގެ ބެލުމުގެ ދަށުން، ސަރުކާރުގެ ބަޖެޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    މިއުޅޭ ރަޑާލި 12 މެމްބަރުންވެސް ނިދަންވީ ގަބުރުސްތާނުގައި އެވެސް އުމުރައް

  2. ކައްބެ

    ހުރިހާ މެންބަރުންވެސް މިހެންއުޅޭނަމަ....