މައްސަރު ކަންތައް ނުވަތަ ޕީރިއަޑްވުމަކީ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. މިއީ ބައެއް އަންހެނުންނަށް ވޭން ބޮޑު ދުވަސްވަރެކެވެ. މިކަން ކުރިމަތިވުމުން ބައެއް އަންހެނުން އާދަޔާއި ޚިލާފަށް ބޮޑަށް ބަނޑުގައި ރިހެއެވެ. ޚާއްސަކޮށް މައްސަރު ކަންތައް ލައިގަންނަ ފުރަތަމަ ދުވަސްކޮޅު ބައެއް އަންހެނުންނަށް ހިރިހެލި ނޫޅެވޭ ވަރަށް ގައިގައި އާއި ބަނޑުގައި ރިއްސާ ފަހަރު އާދެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރު މި ވަނީ އިންސްޓަގްރަމްގައި ސިއްހީ ގޮތުން ފައިދާ ހުރި ބުއިމެއްގެ ވާހަކަ ދައްކައިފައެވެ. ސޯނަމްގެ އިންސްޓަގްރަމްގައި ލިޔެފައިވާ ގޮތުގައި މި ބުއިމަކީ ޕީރިއަޑްވާ ފުރަތަމަ ދުވަހު ބޯން ބޭނުން ކުރާ ބުއިމެކެވެ.

ސޯނަމް ބުނި ގޮތުގައި ޕީރިއަޑްވާ ފުރަތަމަ ދުވަހު ބޮނީ ހޫނު ފެނާއި ޖިންޖާ ސައެވެ.

މި ސައި ބޮއެފި ނަމަ، މައްސަރު ދުވަސްވަރު ދިމާވާ އުނދަގޫތަކަށް ހައްލު ލިބެއެވެ. އަދި މި ވައްތަރުގެ ސަޔަކީ މީހާ ތާޒާކޮށްދީ މޫޑް ބަދަލުކޮށްލާ ފަދަ މީރު ބުއިމެކެވެ.

ސޯނަމް ކަޕޫރު ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް"، "ތެންކިއު"، ހޫބްސޫރަތު"، "ނީރްޖާ"، "ޕެޑްމޭން"، "ވީރޭ ދި ވެޑިން" ފަދަ ފިލްމުތައް ހިމެނެއެވެ. ސޯނަމް ކުޅުނު "ބްލިންޑް" ފިލްމު ވެސް ނުކުތުމަށް ވަނީ ހަމަޖެހިފައެވެ.