ބިލިއަނަރުން ޖައްވަށް ދިއުމުގެ މޫސުމެއް އައިސްފައި ވާއިރު މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށްވާ ޖެފް ބެޒޮސް ވެސް މިވަނީ މިމަހުގެ 20 ވަނަ ދުވަހު އޭނާގެ އަމިއްލަ އުޅަނދެއްގައި ޖައްވަށް ގޮސްފައެވެ. ޖެފް އާއިއެކު އިތުރު ތިން މީހަކު ވެސް ޖައްވަށް ދިޔައެވެ.

ނަމަވެސް ޖެފްގެ އުޅަނދުގައި ޖައްވަށް ދިޔަ މީހުންނަކީ އެމެރިކާގެ އެފްއޭއޭ އިން ކަނޑައަޅާފައިވާ އެސްޓްރޮނޯޓުންގެ ދަރަޖަ ދޭން ޖެހޭ ބައެއް ނޫންކަމަށް އެފްއޭއޭގެ އާއުސޫލުން އެނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެފްއޭއޭގެ އުސޫލު ބުނާ ގޮތުން އެސްޓްރޮނޯޓުންގެ ދަރަޖަ ލިބޭނީ ޖައްވަށް ދަތުރު ކުރާ މީހުންގެ ބައިވެރިވުމާއިއެކު ދުއްވާ އުޅަނދެއްގައި ޖައްވަށް ދަތުރު ކުރާ މީހުންނަށެވެ. ޖެފްގެ ބްލޫއޮރިޖިން އިން ޖައްވަށް މީހުން ގެންދިއުމަށް އުފެއްދި އުޅަނދުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ބިމުގައި ތިބޭ މީހުންގެ އަތުގައެވެ. އެއުޅަނދުގައި ތިބޭ މީހުން އުޅަނދު ދުއްވަން ނުވަތަ ކޮންޓްރޯލް ކުރަން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

އެފްއޭއޭގެ އުސޫލު ބުނާ ގޮތުން އުޅަނދެއް ޖައްވަށް ގޮސްފި ކަމަށް ބަލާނީ ވެސް ދުނިޔޭގެ ސަތަހައަށްވުރެ ބޭރަށް 50 މީޓަރަށް ދަތުރު ކުރުމުންނެވެ. ބްލޫ އޮރިޖިންގެ އުޅަނދު ވަނީ ދުނިޔޭގެ ސަތަހައަށްވުރެ ބޭރަށް 62 މީޓަރަށް ދަތުރުކޮށްފައެވެ.

ޖައްވަށް ދެވުނު ނަމަވެސް އެސްޓްރޮނޯޓަކަށް ވުމުގެ ނަސީބު ޖެފް އާއި އޭނާގެ ބައިވެރިންނަށް ނުލިބުނު ނަމަވެސް މިމަހުގެ ކުރީކޮޅު ޖައްވަށް ދިޔަ ވާޖިން ގްރޫޕްގެ ވެރިޔާ ބްރެންސަން އަށް ވަނީ އެސްްޓްރޮނޯޓެއްގެ ދަރަޖަ ލިބިފައެވެ. ސަބަބަކީ ވާޖިން ގެލެޓިކްގެ އުޅަނދަކީ ޕައިލެޓުން ތިބެގެން ދުއްވާ އުޅަނދަކަށްވުމުންނެވެ.