ހޮންކޮންގްގެ ބިލިއަނަރެއް ކަމަށްވާ ރިޗަޑް ލީ މެލޭޝިއާގެ އެކްޓަރެއް ކަމަށްވާ ސެރީނާ ލިމް އާއި ޑޭޓް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 55 އަހަރުގެ ބިލިއަނަރު ރިޗަޑަކީ ވަރަށް ގިނައިން ޒުވާން އަންހެން ކުދިންނާއި ގުޅުން ބާއްވާ ކަމަށް އަޑުފެތުރިފައިވާ މަހުޖަނެކެވެ. އޭނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އުމުރުން 26 އަހަރުގެ ކަރަމެން ކެވޮކް ނަމަކަށް ކިޔާ މޮޑެލް އަކާއިއެވެ.

ރިޗަޑް އަކީ ހޮންކޮންގްގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ލީ ކާ ޝިންގްގެ ދަރިއެކެވެ. ރިޗަޑް ވަނީ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އިސަބެލާ ލިއޮންގް އާއިވެސް ކައިވެނި ކޮށްފައެވެ. އެކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. އެކައިވެނި ރޫޅުނީ 2011 ވަނަ އަހަރު އެވެ.

ރިޗަޑް އާއި ކެވޮކް ޑޭޓް ކުރަން ފެށީ 2015 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެވޮކް އަކީ 2015 ވަނަ އަހަރު މިސް ހޮންކޮންގް ހޮވުމުގެ މުބާރާތުގެ ދެވަނަ ހޯދި މޮޑެލް އެވެ. ރިޗަޑް އާއި ކެވޮކް ކައިވެނި ކޮށްފައިވާ ކަމަށް ވެސް އަޑުފެތުރުނެވެ. އެއީ ކެވޮކް މިއަހަރުގެ އޭޕްރީލް މަހު ވެޑިން ޑްރެސްއެއްގައި އިން ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމުންނެވެ.

ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި ރިޗަޑްގެ ލޯބިވެރިޔަކީ މެލޭޝިއާގެ އެކްޓްރެސް ސެރީނާއެވެ. އުމުރުން 29 އަހަރުގެ ސެރީނާ އަކީ އޭޝިއާގެ ބައެއް ގައުމުތަކުގައި މަޝްހޫރުކަން ހޯދި ޑްރާމާއެއް ކަމަށްވާ ގާލީ ޑޭސް އާއި ލައިން ވޯކާ ފަދަ ޑްރާމާތައް ކުޅެފައިވާ ބަޠަލާއެކެވެ.

ސެރީނާ އާއި ރިޗަޑްގެ ގުޅުމާއި ގުޅޭ ގޮތުން މީޑިއާ އިން ސުވާލު ކުރުމުން ސެރީނާގެ މެނޭޖަރު ބުނެފައި ވަނީ ސުވާލުތަކަށް ޖަވާބު ދޭން ސެރީނާއަށް ވަގުތެއް ނެތް ކަމަށާއި އޭނާ އުޅެނީ މާބުރަކޮށް މަސައްކަތުގައި ކަމަށެވެ.