މިޔަރަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެކެވެ. އެހެން ނަމަވެސް އެފަދަ ޖަނަވާރުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ.

ކަމުގެ މާހިރުން ބުނާ ގޮތުގައި މިޔަރުތައް އިންސާނުންގެ ގައިގައި ދަތް އެޅި ނަމަވެސް، ފަހުން އެއީ އިންސާނުންކަން އެނގިގެން ދޫކޮށްލައެވެ. އެހެން ނަމަވެސް ދަތް އަޅައިފިނަމަ، ބޮޑެތި އަނިޔާތައް ލިބޭނެއެވެ.

"ޓައިލާ" 1950 ވަނަ އަހަރުން ފެށިގެން މިޔަރުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ. އޭނާ އެކަން ފަށާފައިވަނީ ބައްޕައާއި އެކީ މަސް ޖެހުމަށް މޫދަށް އެރި އުޅުމުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ވަނީ މަސް ބާނާ ކްލަބަކާއި ވެސް ގުޅިފައެވެ.

އުމުރުން 15 އަހަރުގައި ސްކޫލު ދައުރު ނިންމައި އެ މަސައްކަތުގައި އޭނާ ބައިވެރިވެފައިވަނީ ވަރަށް ވެސް ފޮނި ހުވަފެންތަކަކާއި އެކުއެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތުން އޭނާ ވަނީ ނޭޝަނަލް ޖިއޮގްރަފިކް ޗެނަލުން ގެނެސްދޭ ޕްރޮގްރާމަކުން ވެސް މިޔަރުތަކަކާއި އެކީ ދައްކާލާފައެވެ.

 

އެގޮތަށް ދައުރުވަމުން ދިޔަ ފޮޓޯއަކުން ފެނިގެން ދަނީ މިޔަރެއް އޭނާގެ އަތުގައި ދަތް އަޅައިގެން އޮންނަ މަންޒަރެވެ. އެ މަންޒަރު އޭނާ ނަގާފައިވަނީ ސަލާމަތީ ތަކެތި ވެސް ބޭނުން ކޮށްގެންނެވެ. އެގޮތުން އޭނާގެ އަތުގައި ވަނީ ދަގަނޑު އެއްޗެއް އަޅުވާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ، އެއީ 1982 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އޭނާ ބުނީ، އެފަދަ ކަނޑު ޖަނަވާރުތަކާއި އެކީ އުޅެން އޭނާ މިހާރު ހޭނިފައިވާ ކަމަށާއި އެތަކެތި ރައްޓެހި ކުރުވުމުން ހަމަލާތަކުން ސަލާމަތްވާނެ ކަމަށާއި އެއީ ރަނގަޅު އެއްޗެހި ކަމަށެވެ.

"ކުއްތާތައް ވެސް އޮޅު ކުރާ އުސޫލުން އެ އެއްޗެހިވެސް އޮޅު ކުރެވޭނެ. އެއެއްޗެއްސަށް ކާން ދެންޏާ އެނގޭނެ ފަހުން ވެސް އެޗެއްސަށް ކާން ދެނީ ހަމަ އެމީހާކަން. އެގޮތަށް ހެދުމުން ފަހަތުން ދުވާނެ ކާ އެއްޗެއް ބޭނުން ވެގެން" ޓައިލާ ބުންޏެވެ.

މިޔަރުތަކާއި އޭނާ ގާތް ގުޅުމެއް ބާއްވާއިރު، އުމުރުން 20 އަހަރުގައި އޭނާ ވަނީ މަސް ޖެހުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ފިރިހެން އެތްލީޓުން ބަލިކޮށްފައެވެ. އޭނާ ބުނީ، އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިހާރު މީހަކާއި ކައިވެނި ކޮށްގެން އުޅޭއިރު، އޭނާ ބުނީ، މިޔަރުތަކަށް ކާންދިނުމަށް ހާއްސަކޮށް އޭނާ ޑައިވް ކުރާ ކަމަށާއި އެފަދަ މަންޒަރުތައް ނަގާތީ އޭނާއަށް ފައިސާވެސް ލިބޭ ކަމަށެވެ.

އެހާ ޅަ އުމުރުގައި އެކަން ކުރަން ފަށާފައިވާ ޓައިލާއަށް މިހާރު 85 އަހަރުވެފައިވާއިރު، އަދި ވެސް އޭނާ އެ މަސައްކަތް ހުއްޓާ ނުލައެވެ.