ސަލްމާން ޚާންގެ އެހެން ފިލްމުތަކަކޭ އެއްގޮތަށް "ރޭސް 3" އަށްވެސް، ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބެއް ލިބުނެވެ. ބޮކްސް އޮފީހުގައި އެއީ ހިޓްއަކަށްވެ، އެންމެ ތިން ދުވަސް ތެރޭގައި ތިން ކުރޯޑު ރުޕީސް ހޯދިއެވެ. އެހެންނަމަވެސް، ކްރިޓިކުން ނުވަތަ ފިލްމަށް ފާޑުވެރި ނަޒަރަކުން ބަލާ މީހުންގެ ފަރާތުން، ފިލްމަށް ކާމިޔާބެއް ނުލިބުނެވެ.

ފިލްމު ބަލަން ގިނަ ބަޔަކު ދިޔަކަމުގައިވިޔަސް، ފިލްމާމެދު ސަލްމާނުގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެކަން، އެފަރާތްތަކުން މީސް މީޑިޔާގައި ހާމަކުރާ ކަންކަމުން ސާފުވެއެވެ. އެކަމުގެ ސަބަބުން، ސަލްމާނުގެ "ދަބަންގު 3" ނުނެރުމަށްވެސް ބައެއް ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

ރޭސް ސީކުއެލްގެ ތިންވަނަ ފިލްމަށް އެތައް ބަޔަކު ފާޑު ކިޔަމުންދަނީ، ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިލޮގްތައްވެސް ކަމު ނުދާތީއެވެ. އެގޮތުން، ފިލްމުގައި ހަރަކާތްތެރިވާ ޑެއިޒީގެ "މައި ބިޒްނަސް" ޑައިލޮގަށްވެސް އެތައް ބަޔަކު ޖޯކު ޖެހިއެވެ.

ހަމައެހެންމެ، ފިލްމުން ފެންނަ ބައެއް މަންޒަރުތަކަކީ، ބުއްދި ޤަބޫލު ނުކުރެވޭ، ހަޤީޤަތާ ޚިލާފު ކަންތައްތައްކަމަށް އެތައް ބަޔަކު ބުނަމުންދެއެވެ. ހަމައެހެންމެ، ބައެއް އެކްޝަން މަންޒަރުތަކަކީ ފިޒިކްސްގެ ނަޒަރުން ބަލާކަމުގައިވާނަމަ، އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭ ކަންކަންކަމަށް، އެފަރާތްތަކުން ބުނަމުންދެއެވެ. މިކަމުގެ ސަބަބުން، މި ފިލްމުވަނީ އެތައް ބައެއްގެ ޖޯކާއި، "މީމްސް" ގެ އަމާޒަކަށް ވެފައެވެ.

މި ފިލްމުގެ މުޙިއްމު ރޯލުތަކުން ސަލްމާނުގެ އިތުރުން، ޑެއިޒީ ޝާހު، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު ފެނިފައިވެއެވެ.