މިދިޔަ ހަފްތާގައި އެމެރިކާގެ އަލަސްކާ އެއާލައިންގެ ފްލައިޓަކުން ދަތުރުކުރި 15 އަހަރުގެ އަންހެން ކުއްޖަކު އެފްލައިޓްގައި އިން ލޯ އަނދިރި، ވާހަކަ ނުދެއްކޭ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ގިނަ ބައެއްގެ ތައުރީފް އެކުއްޖާ އަށް ލިބިއްޖެއެވެ.

ކްލާރާ ޑާލީ އާއި އޭނާގެ މަންމަ ޖޭން ފްލައިޓަށް އެރީ ބޮސްޓަން އިން ލޮސް އެންޖެލިސް އަށް ދަތުރު ކުރާށެވެ.

ލޯ އަނދިރި، ވާހަކަ ވެސް ނުދެއްކޭ ޓިމް ކުކް ވެސް ފްލައިޓަށް އަރައި އިނީ ބޮސްޓަންގައި ދިރިއުޅޭ ކޮއްކޮ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު އެނބުރި ލޮސްއެންޖެލިސް އަށް ދާށެވެ. ކުކް އަކީ ލޯ އަނދިރި އަދި ވާހަކަ ވެސް ނުދެއްކޭ މީހަކަށް ވުމުން އޭނާ އަށް އެހީތެރިވާނެ، އިޝާރާތުން ވާހަކަދައްކަން އެނގޭ މީހަކު ފްލައިޓްގައި އިންތޯ ކްރޫ އިން ސުވާލު ކުރިއެވެ.

ކުކް އަށް އެހީތެރިވުމަށް އިސްނެގީ 15 އަހަރުގެ ކްލާރާ އެވެ. ކްލާރާ ވަނީ އަހަރެއްހާ ދުވަސް ވަންދެން އިޝާރާތުން ވާހަކަދައްކަން ދަސްކޮށްފައެވެ.

ކްލާރާ ކުކް އަށް އެހީތެރިވަނީ
ކްލާރާ ކުކް އަށް އެހީތެރިވަނީ

ކުކް އަކީ ލޯ އަނދިރި މީހަކަށް ވާތީ އޭނާ އާއި ވާހަކަދައްކަން ޖެހުނީ އަތްތިލައިގައި ކްލާރާގެ އިނގިލިތައް ޖައްސައިގެންނެވެ. ކްލާރާ ވަނީ އެގޮތައް ވާހަކަަދައްކައިގެން ކުކް ކާން ބޭނުންވާ އެއްޗެހި އޮޅުންފިލުވާ ކާން ވެސް ދީފައެވެ.

އަދި ކުކް އާއި ބެހޭ މައުލޫމާތު ހޯދާ ދަތުރުގެ ފޫހިކަން ފިލުވުމަށް ދެމީހުން ގިނަ ވާހަކަތަކެއް ދެއްކިއެވެ.

ކްލާރާގެ މުސްތަގުބަލާއި ބެހޭގޮތުން ކުކް ސުވާލު ކުރުމުން ކްލާރާ ވެސް ވަނީ ގިނަ ވާހަކަތަކެއް ކިޔައިދީފައެވެ.

ކްލާރާ ކުކް އަށް އެހީތެރިކަން ފޯރުކޮށްދިން ގޮތް މީހަކު ފޭސްބުކްގައި ހިއްސާކުރުމުން ހައްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެޕޯސްޓް ޝެއާ ކޮށްފައެވެ.