މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތު މި ދުނިޔެއާ ވަކިވެގެން ދިޔުންވީ އެތައް ބަޔަކަށް ކުއްލި ސިހުމެއް ލިބުނު ކަމަކަށެވެ.

ސުޝާންތުގެ މަރަށްފަހު ވެސް އޭނާ ސަޕޯޓަރުން އޭނާއަށް އިންސާފު ހޯދާދިނުމަށާއި މެދުކެނޑުމެއް ނެތި އޭނާގެ ހަނދާންތައް އައު ކޮށްފައިވެއެވެ.

ސުޝާންތު އެންމެ ފަހުން ކުޅެފައިވާ ފިލުމު ''ދިލް ބެޗާރާ'' ރިލީޒް ކުރެވުނީ ސުޝާންތު މަރުވުމަށްފަހުއެވެ. އެހެންކަމުން ސުޝާންތުގެ ސަޕޯޓަރުން ވަނީ ''ދިލް ބެޗާރާ'' އަކީ ވަރަށް ކާމިޔާބު ފިލުމަކަށް ހަދައިފައެވެ.

މި ފިލުމަށް އަހަރެއް ފުރިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހާ ގުޅިގެން ސުޝާންތުގެ ސަޕޯޓަރުން ވަނީ އޭނާގެ ހަނދާން އައުކޮށް ފިލުމާއި ބެހޭގޮތުން ވާހަކަދައްކައި އެމީހުންގެ އިހުސާސްތައް ހިއްސާކޮށްފައެވެ.

އެގޮތުން ދުނިޔޭގެ އުސޫލުތައް ބަދަލުވެ، ދުވަހުން ދުވަހަށް ދިރިއުޅުން ބަދަލުވި ނަމަވެސް ސުޝާންތުގެ ހަނދާންތައް ނުފިލާ ހުންނާނެ ކަމަށް ސަޕޯޓަރަކު ލިޔެފައިވެއެވެ.

ސުޝާންތުގެ އެންމެ ފަހު ފިލުމުގައި އޭނާއަށް ކިޔާފައިވާ ނަން ''މެނީ'' ބެލުންތެރިން ހެއްވާލާ ރޮއްވާލި ކަމަށާއި ދިލްބެޗާރާއަކީ އެންމެ ފަހު ފިލުމުކަމަށް ވެސް ސަޕޯޓަރަކު ލިޔެފައިވެއެވެ.

ސުޝާންތު ފަދަ އިތުރު ފަންނާނަކު ނުދެކޭ ކަމަށާއި އެފަދަ ފަންނާނެއް ދެން ނާންނާނެ ކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ އެމީހުންގެ ހިތުގެ ހާލަތު ކިޔައިދީފައެެވެ.

ދިލް ބެޗާރާއަށް އަހަރެއް ފުރުމުން މެނީގެ ނަމުގައި ސުޝާންތު ދުނިޔެ ކާމިޔާބު ކޮށްފި ކަމަށް ބުނާ ހޭޝްޓެގްއެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. ކޮންމެ ސަޕޯޓަރެއްގެ ވެސް މެސެޖުގައި މި ހޭޝްޓެގް ބޭނުން ކޮށްފައިވެއެވެ.