ފުރަން އޮތް މަތިންދާބޯޓެއްގެ ތެރޭގައި އިން މީހަކަށް ކުއްލިއަކަށް ބަޑީގެ ފޮޓޯއެއް ލިބުމުން ޔަގީނުންވެސް ބިރުގަންނާނެއެެވެ. އެފަދަ ކަމެއް މި ވަނީ ދާދި ފަހުން ހިނގާފައެވެ. ސެން ފްރަންސިސްކޯ އެއާޕޯޓުން އޮރްލަންޑޯއަށް ދަތުރު ކުރަން އޮތް ޔުނައިޓެޑް އެއާލައިންގެ ފްލައިޓެއްގެ ތެރެގައި މިފަދަ ކަމެއް މި ވަނީ ހިނގާފައެވެ.

އެ ބޯޓު ތެރެގައި އެފަދަ ކަމެއް ހިނގާފައި ވަނީ އެ ބޯޓު ނައްޓާލަން ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން އެ ފްލައިޓް ތެރޭގައި ތިބި ގިނަބައެއްގެ ފޯނަށް ބަޑީގެ ފޮޓޯއެއް ލިބުނެވެ. މިއާއެކު އެ ފޮޓޯ ލިބުނު މީހުން ވަރަށް ބޮޑަށް ބިރުގަތެެވެ. އަދި އެތައް ފަސެންޖަރުން ވަނީ ފްލައިޓް އެޓެންޑެންޓްސް ކައިރީގައި މައްސަލަ ޖައްސާފައެވެ.

އެއީ އަނެއްހެން ސީރިއަސް މައްސަލައަކަށް ނުވިއެވެ. އެއީ އެ ފްލައިޓްގައި އިން ފިރިހެން ކުއްޖަަކު އޮޅިގެން ކުޅެން ގެންގުޅޭ ބަޑީގެ ފޮޓޯއެއް އޭނާގެ އައިފޯނުން މީހުންނަށް އެއާޑްރޮޕް މެދުވެރިކޮށް ފޮނުވުނީއެވެ.

އައިފޯން ގެންގުޅޭ ފަރާތްތަކަށް އެއާޑްރޮޕް މިއީ ކޮން ފީޗާއެއްކަން ރަނގަޅަށް އެނގޭނެއެވެ. މިއީ އެއް އައިފޯނުން އަނެއް އައިފޯނަށް ފައިލެއް ފޮނުވުމަށް ބޭނުން ކުރާ މޮޅު ފީޗާއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޔުނައިޓެޑް އެއާލައިންސް ފްލައިޓް 2167ގައި ތިބި ކްރޫންނަށް އެކަން އެނގުމާއެކު ޕައިލެޓްގެ ސަމާލުކަމަށް އެކަން ގެނައެވެ. އަދި ޕައިލެޓް ވަނީ "ތްރެޓް އޮން ބޯޑް" ކަން އިއުލާނުކޮށް ފްލައިޓުން އެންމެން ފޭބުމަށް އަންގާފައެވެ.

އަދި ކަންހިނގާދިޔަ ގޮތް ބެލިއިރު، އެ ކުއްޖާގެ އަތުގައި އެ ކުޅޭ ކުޅޭ ބަޑިވެސް ނެތެވެ. ހަމައެކަނި އޮތީ ބަޑީގެ ފޮޓޯއެކެވެ. އެއީ އޭނާ ތަންކޮޅެއް ކުރިން ދުވަހެއްގައި ނެގި ފޮޓޯއެއް ކަމަށް ވެއެވެ.

އެންމެ ފަހުން ބޯޓުގެ އިންސްޕެކްޝަން ނިމުމަށްފަހު، އަލުން ފަސެންޖަރުން ބޯޓަށް އެރުވުމުގެ ހުއްދަ ދިނެވެ. މިކަމާއި ހެދި ފްލައިޓް ތިން ގަޑިއިރަށް ޑިލޭ ވިއެވެ.