މިސްރުގެ ވެރިރަށް ކައިރޯގައި ބައްޕަކު އޭނާގެ އަންހެން ދަރިފުޅު ކަސްތޮޅު އަޅުވައިގެން ގެންގުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިސްރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮލެޖެއްގައި ކިޔަވަމުން އަންނަ އެ ކުއްޖާ ކަސްތޮޅު އަޅުވާފައިވަނީ ލޯބީގެ ގޮތުން ގުޅުން އޮންނަ އެ ކޮލެޖުގައި ކިޔަވާ ކުއްޖަކާއި ބައްދަލު ކުރާ މައްސަލަ ބޮޑުވެފައިވާތީއެވެ.

ކުއްޖާގެ ގައިގައި ކަސްތޮޅު އަޅުވައިގެން ގެންގުޅޭ ކަން ހާމަވެފައިވަނީ މީސްމީޑިއާގައި އެކުއްޖާ އާއްމު ކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
އެގޮތުން އެ ވީޑިއޯގައި އެކުއްޖާ ވަނީ ކަސްތޮޅު އަޅުވާފައިވާ މަންޒަރާއި ލިބިފައިވާ އަނިޔާތައް ދައްކާލާފައެވެ. މި ވީޑިއޯއަށް ފަހު އެގައުމުގެ ފުލުހުން ވަނީ އެ ކުއްޖާ ހޯދައި ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފައެވެ.

ފުލުހުން ހިންގި ތަހުގީގަށް ބަލާއިރު، އެ ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާ ވަނީ އެކުއްޖާއާއި ކައިވެނި ކުރުމަށް ވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް ކުއްޖާގެ އާއިލާއިން އެކަމާއި ދެކޮޅު ހަދާފައިވާކަން ތަހުގީގުން އެނގެއެވެ.

މި ހާދިސާއާއި ގުޅިގެން އެކުއްޖާގެ ބައްޕަ ކުށަށް އިއުތިރާފު ވެފައިވީނަމަވެސް، ކުއްޖާ ވަނީ އޭނާ އަށް އަނިޔާ ނުކުރާ ކަމަށް ބުނެފައެވެ. އެހެންކަމުން ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެގައުމުގެ ބައެއް މީހުން ގަބޫލުކުރާގޮތުގައި އަންހެން ކުއްޖާއަށް އެކުއްޖާ ކައިވެނި ކުރާނެ މީހަކު ހޯދުމުގެ ހައްގެއް ނޯވެއެވެ. އެކަން ކުރަން ޖެހެނީ ކުއްޖާގެ އާއިލާއިންނެވެ.