ސަރުކާރުން ބަލަހައްޓާ، އާއްމު ރައްޔިތުންގެ މުދަލެއްގައި މައްސަލައެއް ޖެހިއްޖެނަމަ، އެކަން ހައްލުކުރުމަށް އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި އެތައް ދުވަހެއް ނަގައެވެ. އެއީ، ދިރިއުޅުމާ ކިތަންމެ ގުޅިފައި އޮތް ކިތަންމެ މުޙިއްމު ކަމެއްވިޔަސް ކަން އޮތީ މިހެންނެވެ.

އާއްމުން ފެން ނަގާ ފެން ޕަމްޕުގެ ޙާލަތަކީވެސް މިއީއެވެ.

ސަރުކާރުން ފެން ޕަމްޕުތައް މަރާމާތުކުރުމުގައި އެތައް ދުވަހެއް ނަގާތީ، އެޤައުމުގެ ހަރު އުމުރުގެ އަންހެނުންތަކެއްވަނީ މި މަސައްކަތާ ހަވާލުވެފައެވެ. މަދްޔަ ޕްރަދޭޝްގެ އަވަށަކަށް ނިސްވަތްވާ، މި 'ދައިތަ' މެން ދަނީ އެކި ސަރަޙައްދުތަކަށް ގޮސް މައްސަލަ ހައްލުކޮށްދެމުންނެވެ.

މި އަންހެނުން މި މަސައްކަތުގައި ހަރަކާތްތެރިވާތާ ދުވަސްކޮޅެއް ވެފައިވީނަމަވެސް، އެފަރާތްތަކަށް މީހުންގެ ސަމާލުކަން ލިބިފައިވަނީ ވަރަށް މަދުންނެވެ. ސަމާލުކަން ލިބުމާއެކު، ދަބަސްތައް އަޅުވައިގެން، އެކި ތަންތަނަށް މަސައްކަތް ކުރަންދާ ފޮޓޯތައްވަނީ އާއްމުވެފައެވެ.

އިސްކުރު އަނބުރާ ކަށިގަނޑާއި ނަޓުތަކާއި އެނޫންވެސް އާލާތްތައް އަޅައިގެން، ފެން ޕަމްޕުގެ މައްސަލަ ހައްލުކޮށްދޭން ދާ ދައިތަމެންނަށް، މިހާރު ކިޔައި އުޅެނީ "ހޭންޑް ޕަމްޕް ވާލީ ޗާޗީސް" އެވެ.

އެކި ކުލަތަކުފެ ސާޅިތައް އަޅައިގެން، އެކި ސަރަޙައްދުތަކަށް ދާއިރު މައިގަނޑު ގޮތެއްގައި އެއް ތަނުން އަނެއް ތަނަށް މި މީހުން ދަނީވެސް ހިނގާފައެވެ. ބައެއް ފަހަރު ފައިމަގުގައި 25 ކިލޯގެ ރާސްތާވެސް ކަޑައްތު ކުރާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މިއީ، އުމުރާއި ޖިންސީ ފަރަޤަށް ގޮންޖަހާލާފައި، ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު