އުތުރު ކޮރެޔާ އަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދިރިއުޅެން އެންމެ އުނދަގޫ ޤައުމެވެ. ކޮމިއުނިސްޓް ދައުލަތެއް އޮންނަ މި ޤައުމުގެ އިސް ލީޑަރުންނަކީ ޤައުމުގެ އެހެން ހުރިހާ ރައްޔިތުންނަށްވުރެ މަތީގައި ތިބޭ ބައެކެވެ.

އެހެން ހުރިހާ ޤައުމެއްގެ ރައްޔިތުންނާއި ހިލާފަށް އުތުރު ކޮރެޔާގެ ރައްޔިތުންނަށް ވަކި ކަންކަން ކުރުން މަނާވެފައިވާއިރު އެހެން ޤައުމުތަކުގެ ރައްޔިތުން އާންމުދިރިއުޅުމުގައި ކުރާ އާދައިގެ ކަމެއް ކޮށްފިނަމަވެސް ބޮޑު އަދަބުތަކެއް ދެވެއެވެ.

ކޮރެޔާ ޕެނެސުއޭލާ ދެބަޔަކަށް ބެހި ދެކުނު ކޮރެޔާ އާއި އުތުރު ކޮރެޔާގައި އޮންނަނީ ދެ ދައުލަތެވެ. ދެ ދައުލަތުގެ މެދުގައިވެސް ތަފާތު އެތައް ކަމެއް ހިމެނޭއިރު ދެކުނު ކޮރެޔާގެ ރައްޔިތުންނަށް ލިބިފައިވާ އެއްވެސް މިނިވަންކަމެއް އުތުރު ކޮރެޔާގެ ރައްޔިތަކަށް ލިބިފައެއް ނުވެއެވެ. އަދި އެ ހައްގެއް ހޯދަން އުޅޭ ރައްޔިތަކު ދިރިހުންނާނޭ އެއްވެސް ޔަގީންކަމެއްވެސް ނޯވެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެޔާގެ ޒުވާނުން ދެކުނު ކޮރެޔާ ޒުވާނުން ހެދުން އަޅާގޮތަށް ގޮތަށް ހެދުން އެޅުމަކީ ބޮޑު ކުށެކެވެ. އަދި އުތުރު ކޮރެޔާ ރައްޔިތުން ދެކުނު ކޮރެޔާގެ ފިލްމުތައް ނުވަތަ ޓީވީ ޝޯތައް ބަލާނަމަ 15 އަހަރު ދުވަހަށް ހައްޔަރުކޮށްފައި ބައިތިއްބައެވެ.

ހެދުންއަޅާގޮތުގެ އިތުރުން ދެކުނު ކޮރެޔާގެ ލަވަ އަޑުއެހުމާއި އެމީހުން ބޯ ކޮށާގޮތަށް ބޯ ކޮށުމަކީވެސް ކުށެކެވެ. ފާއިތުވި އަހަރު އުތުރު ކޮރެޔާ އިން ވަނީ ވަކި ހާއްސަކަމެއް ކޮށްފިނަމަ ވަކި އަދަބުތަކެއް ދޭން ނިންމާފައެވެ. އެގޮތުން ކުޑަކުދިން ދެކުނު ކޮރެޔާގެ ލަވަތައް ބަލައި އެމީހުން ވާހަކަދައްކާގޮތަށް ވާހަކަދައްކާނަމަ އެކުދިޖްގެ ބެލެނިވެރިން ޖޫރިމަނާ ކުރާނެއެވެ.