މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސްނޫޕް ޑޯގްގެ މަންމަ މަރާ ހަނގުރާމަ ކުރަމުންދާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އޭނާގެ މަންމަ އަށް ޝިފާއަށް އެދި ދުއާކުރަމުންދާ މީހުންނަށް ސްނޫޕް ޑޯގް ވަނީ ޝުކުރުއަދާކޮށްފިއެވެ.

އުމުރުން 49 އަހަރުގެ ސްނޫޕް ޑޯގް އޭނާގެ މަންމަ އަށް ޒިޔާރަތްކޮށް ހޮސްޕިޓަލުގައި މަންމައާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އެ ފޮޓޯގައި އޭނާގެ އާއިލާގެ އިތުރު މެންބަރުންތައްވެސް ތިއްބެވެ.

އެމެރިކާގެ ކެލެފޯނިޔާގެ ހޮސްޕިޓަލެއްގައި ސްނޫޕް ޑޯގްގެ މަންމަ އެޑްމިޓްކޮށްފައިވާއިރު މަޝްހޫރު އެތައް ފަންނާނުންނެއް ދަނީ ސްނޫޕް ޑޯގްގެ މަންމަ އަށް އަވަސް ޝިފާއެއް އެދި ދުއާކޮށް ޕޯސްޓުކުރަމުންނެވެ. އޭގެ ތެރޭގައި ޖެމީ ފޮކްސް، ލިޒޯ، ބަސްޓާ ރީމްސް ފަދަ ފަންނާނުން ހިމެނެއެވެ.

ނަމަވެސް ސްނޫޕް ޑޯގްގެ މަންމަ އަށް ޖެހުނީ ކޮން ބައްޔެއް ކަމެއް ބުނެފައެއް ނުވެއެވެ.

ސްނޫޕް ޑޯގް އާއި އޭނާގެ މަންމަ

ސްނޫޕް ޑޯގް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބަލައި ބޮޑުކޮށް އާއިލާއެއް ބިނާކޮށްފައިވާތީ މަންމައަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ސްނޫޕް ޑޯގް އަށް 50 އަހަރުވާއިރު އޭނާ އަކީ ރެޕްލަވައިގެ ދުނިޔޭގައި މަޝްހޫރު ފާހަގަ ކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. ލަވަކިޔުމުގެ އިތުރުން އޭނާގެ ވާހަކަ ދެއްކުންތެރިކަމަކީ ވެސް ގިނަމީހުން ފާހަގަކުރާ އެއްކަމެވެ.

1971 ވަނަ އަހަރު އުފަންވެފައިވާ ސްނޫޕް ޑޯގްގެ އަސްލު ނަމަކީ ކަލްވިން ކޯދޯޒާ ބްރޯޑަސްއެވެ. އެކްޓިން ދާއިރާއާއި މީޑިޔާގައިވެސް އޭނާ ފާހަގަކޮށްލެވޭއިރު ސްނޫޕް ޑޯގް އަކީ ބޮޑު ވިޔަފާރިވެރިއެއްކަންވެސް ފާހަގަކުރެވެއެވެ. އޭނާގެ 35 މިލިއަނަށްވުރެ ގިނަ ލަވަ އަލްބަމް މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ވިއްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު