އިނގިރޭސިވިލާތުގެ ރަސްކަން ވާރުތުވާ މީހުންގެ ލިސްޓަށް ރާނީ އެލިޒަބަތު، އެކަމަނާގެ މުނިމާމަ ދަރިކަނބަލުން ލިލީބެޓް ޑަޔާނާގެ ނަން އިތުރުކޮށްފިއެވެ.

މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ދަރިކަނބަލުން ލިލީއަކީ މިހާރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މެންބަރުން ތިބި ގޮތައް ބަލާއިރު ރަސްކަމާއި އަށްވަނަ އަށް އެންމެ ކައިރީ ހުރި ބޭކަނބަލަށް ވާނެއެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ މެންބަރުންގެ މައުލޫމާތުތައް ގެނެސްދޭ ރޯޔަލް.ޔޫކޭ ވެބްސައިޓްގައި މިހާރު ވަނީ ލިލީގެ ނަން ރަސްކަން ވާރުތަވާ ބޭފުޅުންގެ ލިސްޓްގައި ހިމަނާފައެވެ. ލިލީގެ ނަން ހިމަނާފައި ވަނީ އެކަމަނާގެ ބޭބެ އުމުރުން ދެއަހަރުގެ އާޗީ އާއި ޖެހިގެންނެވެ. އާޗީގެ ނަން އޮތީ އެބޭފުޅުންގެ ބައްޕަ ޕްރިންސް ހެރީއަށް ފަހުއެވެ. ޕްރިންސް ހެރީ އަކީ މިިހާރު އިނގިރޭސިވިލާތުގެ ތަހުތު ވާރުތަވާ ބޭފުޅުންގެ ލިސްޓްގެ ހަވަނައިގައި އޮތް ބޭފުޅާއެވެ.

އުމުރުން 72 އަހަރުގެ ޕްރިންސް ޗާލްސް އަކީ މިވަގުތު އިނގިރޭސިވިލާތުގެ ތަހްތާއި އެންމެ ކައިރީގައި ހުންނެވި ބޭފުޅާއެވެ. ޗާލްސްއަށް ފަހު ދެން ރަސްކަން ލިބޭނީ ޕްރިންސް ވިލިއަމް އަށެވެ. އެއަށްފަހު ދެން ރަސްކަން ލިބޭނީ ޕްރިންސް ވިލިއަމްގެ އެންމެ ދޮށީ ދަރިކަލުން ޕްރިންސް ޖޯޖަށެވެ. އެއަށްފަހު ޕްރިންސެސް ޗާލޮޓް އަދި ޕްރިންސް ލުއިސް އަށެވެ.

އިނގިރޭސިވިލާތުގެ ރަސްކަމަށް ރާނީ އެލިޒަބަތ ވަޑައިގެންނެވީ 1952 ވަނަ އަހަރުގެ ފެބްރުއަރީ 06 ވަނަ ދުވަހު އެވެ. ޕްރިންސް ޗާލްސްގެ އުމުރުން އޭރު އެންމެ ތިން އަހަރެވެ. ޕްރިންސް ޗާލްސް އަކީ ވަލީއަހްދެއްގެ ގޮތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރި ބޭފުޅާއެވެ.

އިނގިރޭސިވިލާތުގެ ރަސްކަން ވާރުތަވާ ބޭފުޅުންގެ ލިސްޓްގައި ލިލީގެ ނަން ހިމެނި ނަމަވެސް ޕްރިންސް ހެރީ އާއި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ގުޅުން ގޯސްވެފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.