ކޮންމެ މީހަކީ ވެސް ޒުވާން ކަންމަތީގައި ހުންނަން ބޭނުން ވާނެ މީހެކެވެ. އުމުރުން ދުވަސްތަކެއް އޮއްވާ މުސްކުޅި ބަލީގައި އެނދުމަތި ވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ޒުވާންކޮށް ރީތިކޮށް ހުންނަން އެތައް ބަޔަކު ބޮޑެތި ޚަރަދުތައް ކުރަނީ ވެސް މިހެން ވެގެންނެވެ. ނަމަވެސް ޒުވާންކޮށް ހުރުމަށް ބައެއް ކަންކަން ކުރާ ފަދައިން ބައެއް ކަންކަން ނުކޮށް ދޫކޮށްލަން ވެސް ޖެހެއެވެ.

ތިރީގައި އެވަނީ މުސްކުޅި ވުމުން ދުރުވުމަށްޓަކައި ދިރިއުޅުމަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކެވެ.

ނިދުމުގެ އާދަތައް ހަމައެއްގައި ހިފެހެއްޓުން

ބައެއް މީހުންނަކީ ނިދަން ވަކި ގަޑިއެއް ކަނޑައަޅާފައި އޮންނަ ބައެއް ނޫނެވެ. މެންދަމުން އަލިފާ ފަހުން ވެސް ނިދާފާނެއެވެ. އަނެއް ދުވަހު އަަސުރުން ތިިރިވާ ފަހުން ވެސް ހޭލަފާނެއެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ހަށިގަނޑަށް އެންމެ ފައިދާ ބޮޑީ ރޭގަނޑު ވީހާވެސް އަވަހަށް ނިދާފައި ފަތިހު ވީހާވެސް އަވަހަށް ހޭލުން ކަމަށެވެ. ނިދުމާއި އަރާމު ކުރުމުގައި ކޮންމެ ރެޔަކު ވެސް އަށް ގަޑިއިރު ހޭދަ ކުރުމެވެ.

މޭވާ އާއި ތަރުކާރީ ކެއުން

މޭވާ އާއި ތަރުކާރީ އިން ފައިދާ ލިބޭނެ ކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް މޭވާ އާއި ތަރުކާރީ ކެއުމަށް ގިނަ މީހުންނަށް މާބޮޑު އިސްކަމެއް ނުދެވެއެވެ. މިއީ އަވަަހަށް މުސްކުޅިވެ ގައި ބާރު ދެރަވާނެ ކަމެކެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް މޭވާ އާއި ތަރުކާރީ ކެއުމަށް އިސްކަން ދޭން އެބަޖެހެއެވެ.

ހަކުރު ގިނައިން ބޭނުން ކުރުން

ހަކުރުން ލިބޭ އެތައް ސިއްހީ ގެއްލުމެއްގެ ވާހަކަ ކޮންމެ ދުވަހަކު އިވެއެވެ. ނަމަވެސް ހަކުރާއި ދުރު ވެވެނީ މަދު މީހަކަށެވެ. ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ބޭނުން ނަމަ ހަކުރު ބޭނުން ކުރުން މަދުކުރަން ޖެހެއެވެ.

ސިނގިރޭޓް ބުއިން

ސިނގިރޭޓް ދުމުގެ ސަބަބުން ލިބޭ "ހިތްހަމަހެމަށް ވުރެ" ލިބޭ ގެއްލުން ބޮޑު ކަން އެންމެނަށް ވެސް އެނގެއެވެ. ސިނގިރޭޓްގެ ސަބަބުން ވަރަށް އަވަހަށް ބަލި އެނދުގައި އޮށޯންނަން ޖެހިދާނެއެވެ. އެހެންކަމުން އަވަހަށް ސިނގިރޭޓް ބުއިން ހުއްޓާލަން އެބަޖެހެއެވެ.

ބަނގުރާ ބުއިން

ބަނގުރަލުން އޮތީ ގެއްލުމާއި ހަލާކެވެ. އެއީ ހުރިހާ ކުށެއްގެ އަސްލަށް ވުމުގެ އިތުރުން ސިއްހީ އެތައް މައްސަލައެއްގެ ވެސް ފެށުމެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހިތި ހަޤީޤަތަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް ބަނގުރާ ބޯ މީހުންގެ އަދަދު ވަރަށް ގިނަ އެވެ. އެއަދަދު އަންނަނީ އިތުރަށް މަތި ވަމުންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަވަހަށް ބަނގުރާ ބުއިން ހުއްޓާލަން ޖެހެއެވެ.

ފެން ބުއިން މަދު ވުން

ފެން ބުއިމަކީ ގިނަ މީހުންނަށް މާބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫނެވެ. ނަމަވެސް ފެން ހަށިގަނޑުން މަދު ވުމަކީ ސިއްހީ މައްސަލަތަކެއްގެ ފެށުން ކަން ގަބޫލު ކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާދެމުން ގެންދާ މިންވަރަށް ކޮންމެ ދުވަހަކު ވެސް ފެން ބުއިމަކީ އާދަައަކަށް ހަދަން އެބަޖެހެއެވެ.

ސިއްހަތު ރަނގަޅު ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހެއެވެ. އެކަންކަން ނުކޮށް ސިއްހަތު ރަނގަޅު ދުޅަހެޔޮ މީހަކަށް ނުވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަރިނާ

    ތިއޮތީ ހިތުން ވަރަށް މޮޅު އެއްޗެއް ލިޔެވިފަ

    11
    5
  2. Anonymous

    އެހެންވެތަ މަޝީދު އެބުއީން ހުއްޓާލީ.