ޖުލައި 26، 1965 ގައި ދުނިޔޭގެ ޗާޓަރުތަކުގައި ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބަލައިގަތެވެ. އެއީ ކުރިން އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތްއިރު، ހިމާޔަތުގެ އެއްބަސްވުން އުވާލަން ސޮއި ކުރެވުނު ދުވަހެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. މިއީ އޭގެ 56 އަހަރު ފަހެވެ. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކާއި މުސްތަގިއްލު ގައުމެއްގައި ގޮތުގައި އިސްލާމީ އެއްބައިވަންތަކަން ދެމި އޮތުމަށް އެތައް ގޮތަކުން ނުރައްކާތެރިކަން އެކި ދިމާއިން އަންނަނީ ފޯރުވަމުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ފަންނާނުން އަންނަނީ އެ މީހުންގެ ފަންނުތައް ބޭނުންކޮށްގެން އެކި ކުރެހުންތައް ހުށަހަޅަމުންނެވެ. ފަންނާނުންގެ ކުރެހުންތައް މާލެއާއި އަތޮޅުތަކުގެ ބައެއް ފާރުތަކާއި މީސް މީޑިއާގައި ފެންނަން އޮތްއިރު، ކުރެހުމުގެ މުބާރާތްތަކެއް ވެސް ބޭއްވިއެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން މުސްތަފާ މުހައްމަދު މި ދަނޑިވަޅުގައި ބޭނުންވީ ތަފާތު ކުރެހުމެއް ހުށަހަޅާށެވެ.

"އަބަދުހެން ފެންނަ ތާރީޚީ ފޮޓޯގަނޑު ދޫކޮށް، ބޭނުންވީ މިއަދުގެ ހާލަތު ވަޒަންކޮށްދޭ މާނަ ފުން ކުރެހުމެއް ހުށަހަޅަން،" މުސްތަފާ ބުންޏެވެ.

މުސްތަފާއަކީ އަބަދުވެސް މިފަދަ ކުރެހުން ހުށަހަޅަން ޝައުގުވެރިކަން ހުންނަ ފަންނާނެކެވެ. އޭނާ ބުނާ ގޮތުން އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަނީ "ސައްރެލިޒަމް" ކުރެހުންތަކަށެވެ. އެއީ ހަގީގީ ދިރިއުޅުމުގައި ފެންނަ ކަންތައްތައް ނުވަތަ މުޖުތަމައުގައި ހުންނަ މައްސަލަތަކެއް، ޚިޔާލީ ގޮތަކަށް ސިފަކޮށްދޭ ކުރެހުމުގެ ބާވަތްތަކެވެ. ދިވެހިންގެ މި މުޖުތަމައު އާއި ގައުމުގައި ހުރި މައްސަލަތަކާއި ގުޅުވާލައި މެސެޖު ލިބޭނެ ފަދައިން ބައެއް ކުރެހުންތައް އޭނާ ވަނީ ތައްޔާރު ކޮށްފައެވެ. އެފަދަ މާނަ ފުން ކުުރެހުމެއް މިނިވަން ދުވަހާއި ގުޅުވާލައިގެން އޭނާ ވަނީ ކުރަހާފައެވެ. އިނގިރޭސީންގެ އަތްދަށުގައި ރާއްޖެ އޮތް ދުވަސްތަކާއި މިހާރާއި އަޅާކިޔައި ކުރެހުމެއް މުސްތަފާ ކުރަހާފައިވަނީ ހިޔާލީ ވާހަކަތަކެއް ބުނެދޭ ކުރެހުމެއްގެ ގޮތުގައެވެ.

މިނިވަން ދުވަހާ ގުޅުވައިގެން މުސްތަފާ ކުރަހާފައިވާ ކުރެހުމުން ފެނިގެންދަނީ ހަނަފަސް ސަރަހައްދެއްގައި މަހު ބޮލެއް އޭގެ ނިގުލުގައި ހިފައިގެން އޮންނަ މަންޒަރެވެ. އޭގެ ފަހަތުން އުސް ގޮނޑިއަކާއި ދިގު މީހެއް ފެންނަން ހުއްޓެވެ. އުސް ގޮނޑީގެ ތިރިން ފެންނަނީ ކުޑަ ދޫންޏެކެވެ. ކުލަ ފަނޑުވަމުންދާ ގޮތަކަށް ކުރެހުުމުގައި ގޮނޑިއާއި މީހާގެ ފަހަތުން ރަށެއް ފެނެއެވެ. އެ ސަރަހައްދު ވަށައިގެން ދެން ކުރަހާފައިވަނީ ފިޔަ ފަޅައި އުދުހެމުންދާ ކަންފަތްތަކެކެވެ.

މިނަވަން ދުވަހާ ގުޅުވައިގެން މުސްތަފާ މުހައްމަދު ތައްޔާރުކުރި ކުރެހުން

ކުރެހުން ފެނިފައި ހިތުގައި އުފެދުނީ މުޅިން ވެސް ސުވާލެވެ. އުދުހެމުންދާ ކަންފަތްތަކެއް އެ ދެއްކީ ކީއްކުރަން ހެއްޔެވެ؟ އިސްކޮޅުން ދިގު މީހަކާއި އުސް ގޮނޑިއެއް ރަމްޒު ކޮށްދެނީ ކޮން ކަމެއް ބާވައެވެ؟ ފަހަތުން ފެންނަ ރަށަކީ ކޮބައި ހެއްޔެވެ؟ މަހު ބޮލެއް އޭގެ ނިގުލުގައި ހިފިފައި އޮތުމުން އެއިން ބުނެދޭން އުޅޭ މެސެޖަކީ ކޮބައި ހެއްޔެވެ؟ މުޅި މި ކުރެހުމާއި ދިވެހިންގެ މިނިވަންކަމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދަން މުސްތަފާ ކައިރީ އަހައިލީމެވެ. ކުރުކޮށް ފޮނިކޮށް އެއިން ކޮންމެ މަންޒަރެއް ރަމްޒުކޮށްދޭ ކަންކަން އޭނާ ކިޔައިދިނެވެ.

"ކުރެހުމުން އެ ފެންނަ އުސް ގޮނޑި އަކީ އޭރުގެ ދައުލަތް. ގޮނޑީގައި އިށީންނަން އިންނަ ބަޔަކީ އެއީ ވެރިކަން. ގޮނޑީގެ އެ ބަޔަކީ ވެރިކަމުގެ ކޮއިލުތެރެ. އެއީ އާންމުންނަށް ނުފެނި ވެރިން ކުރާ ކަންކަން. އޭގެ އިތުރުން އެ ކުރެހުމުން ފެންނަ ދިގު މީހަކީ އެއީ އޭރުގެ ވެރިން. ގޮނޑީގެ ތިރީގައި އިން ދޫންޏަކީ އޭރު އައްޑޫ ރައްޔިތުން،" ކުރެހުމުގެ ހިޔާލު ގެނެސްފައިވާ ގޮތް ކިޔައިދެމުން މުސްތަފާ ބުންޏެވެ.

މުސްތަފާ ބުނީ މި ކުރެހުން ކުރެހުމަށް ކޮންސެޕްޓް ތައްޔާރު ކުރުމުގެ ކުރިން ބައެއް ނޫސްވެރިންނާއި، ތާރީހު ދިރާސާ ކުރާ މީހުންގެ ފަރާތުން މިނިވަން ކަމުގެ ހާލަތު މިހާރު އޮތް ގޮތް ދެނެގަންނަން ހިޔާލު ހޯދާފައިވާ ކަމަށެވެ. މިނިވަންކަމަށް މީގެ އަހަރުތަކެއް ކުރިން ދިމާވި ގޮންޖެހުންތަކާއި މިނިވަންކަން ހޯދި ގޮތް އޮޅުން ފިލުވުމަށެވެ. އަދި އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތާއި ހުރި ގުޅުންތައް ހޯދައި ދެނެގަތުމެވެ. އަދި ލިބުނު މައުލޫމާތުގެ އަލީގައި ކުރެހުން ބިނާ ކުރުމެވެ.

މުސްތަފާ އޭނާގެ ސްޓޫޑިއޯގައި ކުރަހަނީ

ދެ ހަފްތާ ދުވަހުން ނިންމުނު މި މަސައްކަތުގައި މުސްތަފާ ދައްކުވައިދޭން ބޭނުންވީ ކުރީގައި ރާއްޖެ އޮތް ހާލަތު އަދި މުޅިން ނެތިގެން ނުދާ ކަމެވެ. ދައުލަތުގައި ރައްޔިތުންނަށް ނޭނގޭ ފަރާތެއް ވާކަމާއި، ދިވެހި ތާރީހުގައި އިނގިރޭސިން ދިވެހިންގެ ވެރިކަން އަތުލައިގަނެ އަޅުވެތިކޮށްލި ސަބަބު މުޅިން ނޭނގޭ ކަމެވެ. އެނގޭހާ ވެސް ކަމަކީ ރާއްޖެ ޖިއޮގްރަފީ ގޮތުން އޮތީ ގިނަ ބަޔަކަށް ފައިދާތަކެއްވާނެ ހިސާބެއްގައި ކަމެވެ. އަބަދުވެސް ބައިނަލް އަގްވާމީ މުޅި މުޖުތަމައަށް ރާއްޖެ ބޭނުން ޖެހިފައި އޮންނަ ކަމެވެ. ރާއްޖެ މުހިއްމު ވެފައި އޮންނަ ކަމެވެ. ދިވެހި ވެރިންނާއި ބޭރުގެ މީހުންނާ ދެމެދު ހިނގާ މުއާމަލާތް ނޭނގޭ ކަމެވެ.

"ގޮނޑީގެ ފައި އެ އިންނަނީ މަތިން ފެށިގެން ތިރިއަށް އަންނަ އިރު މުޅިން އެހެން ތާކަށް ގޮސްފަ، ގޮނޑި އޭނީ ތިރިއަށް އައިސް އެހެން ކޮޅަކަށް އެނބުރިފަ، ތިރީގައި ތިބޭ މީހުންނަށް ގޮނޑީގެ ފައިތައް ފެންނާނީ އެހެން ގޮތަކަށް. އެމީހުން އެ ނިންމާ ނިންމުމުގެ ވަރަށް ކުޑަ އެއްޗެކޭ އަސްލު އަހަރުމެންނަށް [ރައްޔިތުންނަށް] ފެންނާނީ. ގޮނޑީގެ މަތީ ބައި އަހަރުންނަކަށް ނުފެނޭ. އެ ފެންނަނީ ގޮނޑީގެ ފޫ. އޭރު އެ މީހުން ދެއްކި އެއްޗެއް، އެމީހުންގެ އަސްލު ބޭނުންތައް ނޭނގޭ،" ގޮނޑީގެ ޚިޔާލާތު މުސްތަފާ ތަފްސީލްކޮށްދިނެވެ.

މިނަވަން ދުވަހާ ގުޅުވައިގެން މުސްތަފާ މުހައްމަދު ތައްޔާރުކުރި ކުރެހުން

ކަންނެލި ބޮލާއި އޭގެ ނިގޫ އަނގައިގަ ތާށިވެފައި އޮތް އޮތުމަކީ މިއަދު ދިވެހިންގެ އޮތް ހާލަތެވެ. ދިވެހިންގެ އެތެރޭގައި ހިނގީ ދާޚިލީ ދެބަސްވުންތަކެވެ. މީގެ ކުރިން އައްޑޫގައި އިނގިރޭސި ސިފައިން ގާއިމްވެ އެ މީހުންގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރި އިރު ގެންގުޅުނު މައިގަނޑު އުކުޅަކަށް އޮންނަނީ "ޑިވައިޑް އެންޑް ރޫލް" އެވެ. ނުވަތަ ދިވެހިން ދެބައިކޮށް އެ މީހުން ވެރިކަން ކުރުމެވެ. އައްޑޫ މީހުނަށް ކަންކަން ކޮށްދީ، ވަކި ދައުލަތެއް އައްޑޫގައި ގާއިމް ކުރުމަށް އިނގިރޭސިން މަދަދުވެރިވިއެވެ. މިއަދު ރާއްޖޭގައި ވެސް ފެންނަނީ އެފަދަ ހާލަތެވެ. އެކި ފިކުރުތައް ވަދެ، ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، ސަރަހައްދީ އެއްބައިވަންތަކަމަށް އޮތީ އަސަރުކޮށްފައެވެ. މުސްތަފާގެ ކުރެހުމުގެ އެ ބައިން ދައްކުވައިދެނީ މި ހާލަތެވެ.

"ދެން ފެނިގެން މި ދަނީ ކަންނެލި ބޮލެއް. އެއީ މިހާރު ދިވެހިން. އަސްލު ކަންނެލި ބޯ ކުރެހުމުގައި ހިމަނާފައި އެވަނީ ވަރަށް ފައްސި ވިސްނުމަކުން. މަހަކީ ވަރަށް އެއްބައިވަންތަ އެއްޗަކަށް ވީމަ އެއްބައިވަންތަކަން ދައްކުވައިދެން. އެކަމަކު ދެން އޭގެ ނިގުލުގައި ހިފިފައޭ އެއޮތީ ދާހިލީ ކަންކަމުގެ ތެރެއިން، އެއްބައިވަންތަކަމަށް އަސަރު ކުރީ އަމިއްލަ ވިސްނުންތަކެއް ތަފާތުވެގެން ދާޚިލީ ކޯޅުންތަކަކާ ހެދިއޭ،" ކުރެހުމުން ދައްކުވައިދޭ ވާހަކަ ތިލަކޮށްދެމުން މުސްތަފާ ބުނެއެވެ.

"އަމިއްލަ ނިގުލުގައި ހިފިފަ އޮތްކަން އެނގޭ ހެއްޔެވެ؟ ތިބުނާ 'ގޮނޑީގެ ފައިތަކަށް' ނަޒަރު ހިނގާލިން ހެއްޔެވެ؟ ދެކެވޭ ވާހަަކަތައް، މިނިވަން ކަންފަތްތަކަކުން އަޑު އެހޭނެކަން އެނގޭހެއްޔެވެ؟"

'ބޯހިކޭ' ގެ ނަމުގައި ކުރަހާފައިވާ ކުރެހުުމުގެ ފޮޓޯތަކާއި އެކު ހިއްސާކޮށްފައިވާ ކުރެހުމުގެ ހުލާސާ މެސެޖުގައި މުސްތަފާ ލިއެފައިވަނީ މިފަދައިންނެވެ.

މި ހުލާސާއިން ބުނެދޭ ވާހަކަތައް ކިޔައިދެމުން މުސްތަފާ ބުނީ ކަންފަތްތަކަކީ މިނިވަން އެއްޗެއް ކަމަށެވެ. އަދި އެ ލިއުން ކޮޅުގައި އެ ބުނެދެނީ އެ މިނިވަންކަމުގެ ބޭނުންހިފައި، މައުލޫމާތު ހޯދައި އެ ކަންކަން ކުރަން ޖެހޭކަން ކަމަށެވެ. ވެރިންގެ ފަރާތުން ރައްޔިތުންނަށް ނޭނގޭ ކަންތައްތަކެއް ދައުލަތުގައި ހިނގާކަމެވެ. މި ސުވާލުތައް އުފައްދައި ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާއި މެދު ރައްޔިތުންނާއި ފަންނުވެރިން ވެސް ވިސްނާލަން މުސްތަފާ އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ށަމްސަމް

    ދިރޭތަކެތީގެ ސޫރަ ކުރެހުން އިސްލާމް ދީނުގައި ހުއްދައެއް ނޫނެވެ، ވަރައް ހަނި ދާއިރާއެއްގައި ނޫނީ.

    11
    6
  2. ޕަބްލޯ ޕިކާސޯ

    ރާއްޖޭގެ "ސަލްވަޑޯ ޑާލީ"

  3. ކަނބުލޮ

    މި ކޯއްޗެއްތަ؟؟؟

    6
    1
  4. ބަބޫ

    އަސްލު މިކަހަލަ ދިސްފޯމްވެފަ ހުންނަ އެއްޗެހީގެ ފޮޓޯ ކުރަހާއުޅެނީ ސިކުނޑި ހަމަ ނުޖެހޭމީހުން.

    6
    2
  5. ވިސްނާ

    ތިބުނާ ސިކުޑި ހަމަޖެ ހޭމީ ހުން ވަގުތު ފާއިތުވުމުގެކުރިން މިޤައުމުސަލާމަތް ކޮށްދޭށެވެ. ސިކުޑި ހަމަޖެ ހޭ މީ ހުނަކީ ކޮބައިކަން ދެކެން ހުންނާށެވެ. ހަޤީގަތް ކުރިމަތީގައި ފެންނަން އޮތްއިރު އެކަންދޮގުކޮށް އޮޅުވާލަން މަސައްކަތް ކުރާމީ ހުންނަކީ މުސްލިމުންގެ ތެރެއިން ވާބައެއްނޫނެވެ.