މޮރޮކޯ އަންހެނަކަށް އެއްމާބަނޑު ނުވަ ކުދިން ލިބި، އެއްފަހަރާ އެންމެ ގިނަ ދަރިން ލިބުނު ރެކޯޑް ހާސިލް ކުރެވިއްޖެއެވެ. މެއި މަހުގެ 05 ވަނަ ދުވަހު އުފަންވި ނުވަ ކުދިން ބެލުމުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، ލިބެމުންދާ ތަޖުރިބާތައް އުމުރުން 26 އަހަރުގެ ހަލީމާ ވަނީ ކިޔައި ދީފައެވެ.

ހަލީމާ އާއި އޭނާގެ ފިރިމީހާ ކިޔައިދިން ގޮތުގައި އެދެމަފިރިން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100 ވަރަކަށް ނެޕީ ވެސް ބޭނުން ވެއެވެ. އޭގެ އިތުރުން ދަރިންނަށް ކޮންމެ ދުވަހަކު ހަ ލީޓަރުގެ ކިރު ބޭނުން ވެއެވެ.

ހަލީމާ ބަލިވެ އިނީ އެއްމާބަނޑު ނުވަ ކުދިންނަށްކަން އޭނާ އަށް އެނގުނީ ސިޒޭރިއަން ހަދަން ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. "އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ނުވަ ކުދިން ލިބެން އުޅޭކަން އެނގުމުން. ކުރިން އަހަރެމެން ހީކޮށްގެން ތިބީ އަހަރެމެންނަށް ލިބެން އުޅެނީ އެއްމާބަނޑު ހަތް ކުދިން ކަމަށް." ހަލީމާ ބުންޏެވެ.

ހަލީމާގެ ހުރިހާ ކުދިން އަދިވެސް ތިބީ ހޮސްޕިޓަލްގެ އިންކިއުބޭޓާގައެވެ. ނަމަވެސް ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅެވެ. ހަލީމާ ވެސް އޮތީ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމެއްގައެވެ. އޭނާގެ ހާލު ވެސް އަންނަނީ ރަނގަޅު ވަމުންނެވެ. ހަލީމާގެ ދަރިންގެ ނެޕީ ކޮންމެ ދެގަޑިއިރަކުން ބަދަލު ކުރަން ޖެހެއެވެ. އެއީ އެކުދިންގެ ސިއްހީ ހާލަތު ހުރިގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ހަލީމާ ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ އެގައުމުގެ ސަރުކާރުން ވަނީ މިހާރު ދައްކައިދީފައެވެ.

ހަލީމާ އާއި އޭނާގެ ފިރިމީހާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ. އެދެމަފިރިންނަށް މީގެ ކުރިން ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެކުއްޖާގެ އުމުރުން މިހާރު ދެއަހަރު ފުރިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންދީހު

    މާދަމާ ލިޔާނެ މަކަރޭ ދޮގޭ ވިހޭތާ ލަކުނުވެސްނެތޭ.

  2. Anonymous

    ﷲ އަކްބަރު، އަލްޙަމްދު ލިއްލާހި ޝުކުރު.

  3. ގައުމެއްނެތޭ

    ގައުމެއްގައި އުޅޭ މީހަކު ވަރައް ރުޅި އަންނަކަމެއްތީ އެހާގިނައިން ކުދިން ވިހެއުން އައްޑަނަ ބަހައިގެން ވެސް ބެލީ މީހުން މަދުކުރެވޭތޯ އެއީ ލަވައެއްގައިކިޔާނެ މިނިކާރާއްޖެ އެއްގެ ވާހަކަ އެރާއްޖޭގެ މީހެކޯ އެއީ