ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖަހައިފިނަމަ ޖިންސީ ބަލިކަށިކަން ހާއްސަކޮށް ފިރިހެނުންނަށް ކުރިމަތިވެ ދަރިން ލިބުމަށް ވެސް ހުރަސްތައް ކުރިމަތިވެދާނެ ކަމަށް މީސް މީޑިއާގައި ދައުރުވަމުންދާ ބައެއް ޕޯސްޓްތައް ބުނެއެވެ. ނަމަވެސް އެމެރިކާގެ ސައިންސްވެރިން ކުރި ދިރާސާ އަކުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިނުވާކަމާއި އަދި ދަރިން ލިބުމަށް ވެސް ހުރަހެއް ނެތް ކަމަށް ދައްކާފައެވެ.

ނަމަވެސް ސައިންސްވެރިންގެ ދިރާސާ އިން ދައްކާ ގޮތުގައި ކޮވިޑް ޖެހިޖެނަމަ ޖިންސީ ބަލިކަށިކަން އިތުރުވެދާނެ އެވެ. އަދި ދަރިން ލިބުމަށް ވެސް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެދާނެއެވެ. މިކަން ދިރާސާ ކުރަން އަދި އިތުރަށް މީހުންގެ ހާލަތު ދިރާސާ ކުރަން ޖެހޭ ކަމަށް ދިރާސާކުރި ސައިންސްވެރިން ބުނެއެވެ.

ޔުނިވަސިޓީ އޮފް މިއާމީގެ ސައިންސްވެރިން ވަނީ ކޮވިޑްގައި މަރުވެފައިވާ ހަފިރިހެނުންގެ ތަހްލީލްތަކެއް ކޮށްފައެވެ. އެތަހްލީލްތަކުން ދެއްކި ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ދަރިފަނި ހުރި މިންވަރު ވަނީ ދަށް ވެފައެވެ. އެއީ ކޮވިޑް ޖެހުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިންނަށް އެއްބަސް ވެވެއެވެ. ނަމަވެސް އަދި ގިނަ ބަޔަކު ބައިވެރިކޮށްގެން އިތުރަށް ދިރާސާކޮށްގެން ނޫނީ ކޮވިޑް ޖެހުމުން ދަރިން ލިބުމަށް އަސަރު ކޮށްފާނެ ކަމަށް ކަނޑައެޅިގެން ބުނަން ދަތިކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

މިދިރާސާގައި ވަނީ ކޮވިޑް-19 ވެކްސިން ޖެހި 45 ފިރިހެނުންގެ މައުލޫމާތުތައް ދިރާސާ ކޮށްފައެވެ. މިދިރާސާ އިން ދައްކާ ގޮތުގައި ވެކްސިން ޖެހުމުން އެމީހުންގެ ހަށިގަނޑުގައި ދަރިފަނި އުފައްދައިދޭ ނިސްބަތައް ނޭދެވޭ އަސަރެއް ކޮށްފައެއް ނުވެއެވެ.

ދިރާސާ ކުރި ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް ވެކްސިން ޖެހުމުން ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ވެކްސިން ނުޖެހުމަށްވުރެ ރަނގަޅީ ވެކްސިން ޖެހުމެވެ. އެއީ ކޮވިޑް ޖެހިޖެނަމަ ލިބޭ ގެއްލުން މާބޮޑު ކަމަށް ދިރާސާތަކުން ދައްކާތީއެވެ.

ކިޔުންތެރިންގެ ހިޔާލު