މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, މީޓަރު ޕާކިން ސިސްޓަމް ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް މަގުމަތީގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއީ ރާއްޖޭގައި މިފަދަ ސިސްޓަމްތަކެއް ހަރުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިފަދަ ސިސްޓަމްތައް ބޭނުން ކުރެއެވެ.

މީޓަރު ޕާކިން ސިސްޓަމާއި ގުޅޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ. މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ މަސައްކަތް ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި ސިޓީ ކައުންސިލަށް ބިޑް ހުށަހަޅަން ޖެހެ އެވެ.

މާލެ އަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ކުއްޔަށް ޕާކިން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މިފުރުސަތުގައި ޕާކް ކުރުމަށް 211 ޖާގައެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް އިތުރު ކަންކަން ކުރަން ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ޕާކް ކުރެވޭނެ އިމާރާތްތައް ބިނާ ކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މާލޭގެ ވ ގިނަ މަގުތަކެއްގަ ޕާކް ނުކުރެވޭ ގޮތް ހަދައިފިއެވެ. ޕްރަިވެޓް ކާރު ދުއްވާ މީހުންނަށް ފަސޭހަ ވާނެ އެވެ.

  2. ށަނީޒް

    ބުރާންތީންނައް ހީވަނީ މީޓަރު ބަހައްޓައިގެން ފައިސާ ޗާޖުކުރީމަ މަގުތަކުގައި ޕާކީން ޖާގަ އިތުރުވާނެކަމައްދޯ؟ ބޮލައް ބޭސް ކުރަންވީނުންތޯ؟