ތައިލެންޑުގެ މަގުތަކަށް ގިނަ އަދަދަކަށް ރާމާމަކުނު ނުކުމެ މަގުތަށް ހިސާރުކުރުމުން ބައެއް މަގުތައް ބަންދުކުރަން ޖެހިއްޖެއެވެ.

ރާމާމަކުނު އެކަތި އަނެކައްޗާ ތޮޅި ސަކަރާތް ޖެހުމަކީ އެސޮރުމެންގެ އާންމު ދިރިއުޅުމުގައިވެސް ކުރާކަމެވެ.

ނަމަވެސް ގޭންގު ހަދައި އެއްފަހަރަކާ އެތައް ސަތޭކަ ރާމާމަކުނެއް އިންސާނުންގެތެރެއަށް ނުކުމެ މާރާމާރީ ހިންގާ އުސޫލުން ތޮޅި ހެދުން މިއީ ފިލްމުތަކުން ނޫނީ ނުފެންނަ މަންޒްރުތަކެވެ. މިހާރު ތައިލެންޑުގެ ބައެއް މަގުތަކުން ފެންނަނީ އެމަންޒަރެވެ.

ދެ ގޭންގަކަށް ނިސްބަތްވާ ރާމާމަކުނުތަކެއް ފަދައިން އެތައް ސަތޭކަ ރާމާމަކުނެއް ތައިލެންޑުގެ ޕްރާމް ސަމް ޔޮޓް ސަރަހައްދާއި ލުޕްބުރި ސަރަހައްދުގެ ފްރާ ކަން ޝްރައިންގެ މަގުތަކަށް ނުކުތުމުން މަގުތައް ބަންދުކުރަން މަޖުބޫރުކުރުވިއެވެ.

މަންޒަރުދުށް ފަރާތްތަކާ ހަވާލަދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއީ ގިނަ ފަރާތްތަކަކުން ދުވަހަކުވެސް ދެކެފައި ނުވާ މަންޒަރެކެވެ. ރާމާމަކުނުގެ ބޮޑު ދެ ގޭންގެއް އުޅޭހެން ސިފަވާ އިރު ދެ ގޭންގުންވެސް އެއް ގޭންގު އަނެއް ގޭނުންގެ މަކުނުތަކާއި ތޮޅި ހަޅޭއްލަވައި ހަދާ އަޑުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުންނަށް ލިބިފައި ވަނީ ކުއްލި ހައިރާން ކަމެކެވެ.

ރާމާމަކުނުތަކުތައް މަގުމައްޗަށް ނުކުމެ އުޅެނީ އެސޮރުމެންނަށް ކާނާ ނުލިބި ފަތުރުވެރިންވެސް މިހާރު އެތަކެއްޗަށް ޒިޔާރަތް ނުކުރާތީ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ކޮވިޑާ ގުޅިގެން ތައިލެންޑުގެ ފަތުރުވެރިކަމަށްވެސް ވަނީ އަސަރުކޮށްފައެވެ.

ރާމާމަކުނުތައް ބަލަން ތައިލެންޑަށްދާ ފަތުރުވެރިން ރާމާމަކުނުތަކަށް ވަރަށް ގިނައިން ކާންދެއެވެ. އަދި ރާމާމަކުނަކީ އެ ގައުމުގައި ވަރަށް އާންމު އެއްޗަކަށްވާއިރު ފަތުރުވެރިން ފޫހިފިލުވަން ވެސް އެ ތަކެތި ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކޮވިޑް އައިސް ފަތުރުވެރިން މަދުވުން އެއީ ރާމާމަކުނުތަކަށްވެސް ހިތްދަތި ދުވަސްކޮޅަކަށްވިކަން ދައްކައިދެނީ މިފަދަ ގޮތަކަށެވެ.