މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ސްޕޭންގެ ޕްރޮސެކިއުޓަރުން ހަދުވާއެއް އުފުލައިފިއެވެ. މިދައުވާތައް އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެކްސްއަށް މަކަރުހެދުމާއި، ޓެކްސް ދައްކަން ޖެހޭ އަދަދު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށެވެ.

ޝަކީރާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް މިހާރު ފަނޑިޔާރު ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ޖުމްލަ ހަދައުވާއެއް ވަނީ އުފުލާފައެވެ. އެދައުވާތައް އުފުލާފައި ވަނީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު އަދި 2014 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ސްޕޭންގެ ޓެކްސް އިދާރާއަށް ޝަކީރާ އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަމަށް ބުނެއެވެ.

އެދުވަސްތަކުގައި ޓެކްސް ނުދައްކާ ކަމަށް ޝަކީރާ ވެސް އެއްބަސް ވެއެވެ. އޭނާ ބުނާ ގޮތުގައި އެތިން އަހަރު އޭނާ ސްޕޭންގެ އިދާރާތަކަށް ޓެކްސް ނުދެއްކީ އޭނާ އެތިން އަހަރު ސްޕޭންގައި ދިރިއުޅެފައި ނުވާތީއެވެ. އެތިން އަހަރު އޭނާ ދިރިއުޅުނީ ބަހާމާސްގައި ކަމަށާއި ސްޕޭނަށް ދަތުރުކޮށްފައި ދޭތެރެދޭތެރެއިން ބައެއް ކަންކަން ކުރަން ކަމަށެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި ޝަކީރާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ އޮތް ފައިސާގެ އަދަދު 14.5 މިލިއަން ޔޫރޯއަށް އަރާނެ ކަމަށް ސްޕޭންގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ޝަކީރާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް އިބްތިދާއީ އަޑުއެހުމަށް ފަހު ފަނޑިޔާރު ނިންމާފައި ވާތީ އެނިންމުން އިސްތިއުނާފް ކުރަން ޝަކީރާގެ ވަކީލުން މިހާރު ވަނީ ނިންމާފައެވެ.

ޖެރާޑް ޕީކޭ އާއި 2011 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު ޝަކީރާ ސްޕޭނަށް ދިރިއުޅުން ބަދަލުކޮށް ރަސްމީކޮށް ސްޕޭންގެ އިދާރާތަކަށް ޓެކްސް ދައްކަން ފަށާފައި ވަނީ 2015 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.