އަނެއްކާވެސް ތަފާތު ކައިވެންޏެެކެވެ. ވަރަށް ހައިރާންކަން ގެނުވާވަރުގެ ކައިވެންޏެކެވެ. މިއީ ހަމަ ހަގީގަތެއްބާއޭވެސް ހިތައް އަރައެވެ. ނޫނި ފިލްމެއްގެ މަންޒަރެއްބާއޭވެސް ހިތައް އަރައެވެ. މިއީ ހަމަ ހަގީގަތެއް ކަމަށް އިންޑޮނޭޝިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާގެ އަންހެނަކަށް ބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފައި މިި ވަނީ އޭނާއާ ލޯބިވެރިޔާގެ ކައިވެނީގެ ކަންކަން ކުރިއަށް ދަނިކޮށް، ލޯބިވެރިޔާގެ ކުރީގެ ލޯބިވެރިޔާ އައިސް އޭނާވެސް ކައިވެނި ކުރުމަށް އެދުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކޮރިކް އަކްބަރް 20އ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ޔުއާނިތާ ރުރީ 21، އާއި ކައިވެނި ކުރެވިގެން ގޮސްފައި ވަނީ، ލޯބިވެރިޔާ ނޫރް ޚުސްނުލް ކޮޓިމާހް، 20،ގެ ހުއްދަ އާއި އެކުގައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޔުއާނިތާ އަށް ކޮރިކް ކައިވެނި ކުރަން އުޅޭކަން އެނގުނީ، މީސް މީޑިއާގައި އޭނާގެ ރައްޓެހިން މަރުހަބާ ކިޔަން ފެށުމުންނެވެ.

"އަޅުގަނޑުގެ ފިރިމީހާގެ ކުރީގެ ލޯބިވެރިޔާއަށް އެނގުނީ، އަހަރުމެން ދެ މީހުން ކައިވެނި ކުރަން އުޅޭކަން މީސް މީޑިއާއިން، އެއީ އަހަރުމެން ދެ މީހުންނަށް އެތައް ރައްޓެހިންނެއް މަރުހަބާ ކިޔަމުން ދިޔުމުން، އެހެންވެ، އޭނާ އެހީ ކޮރިކް ކައިރިން އޭނާއާވެސް ކައިވެނި ކުރުމަށް." ނޫރް ހަރިއަން މެޓްރޯއަށް މައުލޫމާތު ދެމުން ބުންޏެވެ.

ނޫރް އާއި ކޮރިކް ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ކައިވެންޏާއި ގުޅިގެން އޮންނަ ސަގާފީ ކަންކަމަށް ފަހުއެވެ. އެގޮތުން ފިރިހެން މީހާ އަންހެން މީހާ ގޮަވައިގެން ކައިވެނީގެ ހުއްދަ ހޯދުމަށް އަންހެން މީހާ އާއިލާ ކައިރިއަށް ކުރާ ޒިޔާތަރަތަށްފަހު، ފިރިހެން މީހާގެ ގެއަށް ކުރާ ޒިޔާރަތުގައި ޔުއަނީތާ ވަނީ ކޮރިކް ކައިރިން އިންނަން އަހާފައެވެ.

ކޮރިކްއަށް މިކަންވީވެސް ބޮޑު ހައިރާން ކަމަކަށެވެ. އެއީ އެ އަންހެން މީހާއަކީ އޭނާ 2016 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކަށް ވުމުންނެވެ.

"އަހަރެންނަށް ލިބުނީ ހައިރާން ކަމެއް، އެންމެ ފަހުން އާއިލާ އާ ވާހަކަދެއްކުމަށްފަހު ދެ މީހުންނާއިވެސް ކައިވެނި ކުރަން ނިންމީ" އޭނާ ބުންޏެވެ.

އެހެން ނަމަވެސް މިހާރު އޭނާއަށް މައްސަލައަަކަށްވެފައި ވަނީ ދެ މީހުންނާއި ކައިވެނި ކުރިނަމަވެސް، ވަޒީފާއަކަށް ނުދާތީ ދެ މީހުންނަށް ހަރަދު ކުރާނެ ގޮތަކާއި މެދުއެވެ.

މީގެ ކުރިންވެސް އިންޑޮނޭޝިއާގައި މިފަދަ ހާދިސާތައް ހިނގާ ކަމަށް ވެއެވެ.