ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން އޮގްމެންޓެޑް ރިއަލިޓީ (އޭއާރް)ގައި ބަލާލެވޭ ކުރެހުންތަކެއް ރާއްޖޭގެ ކުރެހުންތެރިންތަކެއް ތައްޔާރު ކޮށްފިއެވެ.

މިއީ އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންވި ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގެ މިނިވަންކަމުގެ ތާރީހު ދައްކުވައިދޭ ގޮތަށް މޯލްޑިވްސް އާޓިސްޓްސްް ކޮމިއުނިޓީ (އެމްއޭސީ)ގެ ކުރެހުންތެރިން ކުރަހައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ސްޓެލްކޯ ބޮޑު ފާރުގައި ހަރުކޮށްފައިވާ ކުރެހުންތަކެކެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީހާއި، ސަގާފީ ކަންތައްތައް މި ކުރެހުންތަކުން ދައްކުވައިދެއެވެ. އިނގިރޭސީންގެ ވެރިންނާއި، ބަޑި ހިފައިގެން ތިބި ބަޔަކާއި، ރަސްކަމުގެ ތަހުތުގައި ރަސްކަލުން އިންނަވަނިކޮށާއި މިފަދަ މަންޒަރުތައް އެ ކުރެހުންތަކުން ދައްކުވައިދެއެވެ. ކުރެހުމުން ފެނިގެންދާ ފުރަތަމަ ފަސް މަންޒަރު އޮގްމެންޓެޑްގެ އެހީގައި "އާޓްވައިވް" އެޕްލިކޭޝަން ބޭނުންކޮށްގެން ސްކޭންކޮށް ބަލާލުމުން ކުރެހުންތައް އެނިމޭޝަން އަކަށް ބަދަލުވެގެންދެއެވެ.

އެމްއޭސީއިން ވަނީ އެ މަންޒަރުތައް އެނިމޭޝަންއަކަށް ބަދަލުވަމުންދާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ދެބައި މީހުންގެ މެދުގައި ހަމަލާ ބަދަލުކުރަމުންދާ މަންޒަރުތަކެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޮގްމެންޓެޑް ރިއަލިޓީ ކުރެހުންތަކާއި، ފޮޓޯއާއި، ގޭމް ފަދަ ތަފާތު ކަންތައްތަކުގައި އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ އަންނަނީ ބޭނުން ކުރަމުންނެވެ. މިފަދަ ސްމާޓް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދިވެހި ފަންނުވެރިން ދައްކާލި ކުރެހުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެގޮތުން ހޯމް މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓެއްގައި މިއީ ފަންނުވެރިންގެ ފުރިހަމަ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މި އަހަރު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރުގައި ވެސް އޮގްމެންޓެޑް ރިއަލިޓީ މެދުވެރިކޮށް ދިވެހިންގެ އެވޭލާ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތަކެއް ވަނީ ގެނެސްދީފައެވެ.