މީގެ އަށް އަހަރު ކުރިން ބޮލީވުޑް ތަރި ޖިއާ ހާން އުމުރުން 25 އަމިއްލައަށް މަރުވި މައްސަލަ ވެފައި ވަނީ ނުނިމުނު މައްސަލައަކަށެވެ. ކީއްވެގެން ހެއްޔެވެ؟.މި މަރާއި ގުޅޭގޮތުން ކަންކަން ނުނިމިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟. މިފަދަ މަރުގެ މައްސަލަ ދިގުލައިގެން ދަނީ ކީއްވެގެން ހެއްޔެވެ؟. މިއީ އެތައް ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ޖިއާގެ މަރާއި ގުޅިފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީއާ ކަމަށް ބުނެ އެތައް ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ.

ސޫރަޖްގެ މައްޗަށް ކޮށްފައި ދައުވާގައި ބުނެފައި ވަނީ މީހަކު އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމަށެވެ. އެ ދައުވާގައި ބުނެފައިވަނީ ޖިއާ އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބުނީ ސޫރަޖްގެ ސަބަބުން ކަމަށެވެ. 2018ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ސޫރަޖްގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކުރިއަށް ގެންދާ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. ސޫރަޖް ހާޒިރުކޮށްގެން ކުރިޔަށްގެންދިޔަ އެ ޝަރީއަތުގައި ސޫރަޖް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ޝަރީއަތަށް ހުށަހެޅި ހެކިތަކުގައި ބުނާގޮތުގައި ޖިއާ މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް ދަންޖެހިގެނެވެ. ޖިއާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ 2013ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު ހަވީރު ޖިއާގެ މަންމައަށެވެ.

މީގެ ކުރިން ސީބީއައިއިން މި މައްސަލައާއި ގުޅިގެން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައުވަނީ ޖިއާގެ މަރުގެ ތަހުގީގު ކުރިއަށް ދިޔައިރު ސޫރަޖް ބައެއް ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ޖިއާގެ މަރުގެ މައްސަލަ ތަހުގީގްކޮށް ނެރެފައިވާ ރިޕޯޓުތަކުން އެނގެން ހުރީ ޖިއާގެ މަންމަ ވެސް ޖިއާ މަރާލިކަމުގެ ތުހުމަތުކޮށްފައިވަނީ ސޫރަޖްއަށް ކަމަށެވެ.

2019ވަނަ އަހަރުގެ ޑިސެމްބަރ މަހު ސީބީއައިއިން ވަނީ ބައެއް ކަންކަން އަލުން ތަހުގީގްކޮށް ރިޕޯޓު ހޯދަން އެދިފައެވެ. އޭގެ ތެރޭގައި ޖިއާ އަމިއްލައަށް މަރުވާން ބޭނުންކޮށްފައިވާ ދޯޕައްޓާ ޗަންޑިގާގެ ސެންޓްރަލް ފޮރެންސިކް ސައިންސް ލެބޯޓަރީއަށް ވަނީ ފޮނުވާފައެވެ. އޭގެ އިތުރުން ޖިއާ މަރުވުމުގެ ކުރިން ސޫރަޖްއާއި ދެމެދު ދެކެވުނު ވާހަކަތައް ހޯދުމަށް އެދެމީހުންގެ ފޯނު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ފޮރެންސިކް ޔުނިޓަށް ފޮނުވުމަށް ވަނީ އަންގާފައެވެ.

މި މައްސަލައާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ތަހުގީގުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު މުމްބާއީގައި ޖިއާ އޭނާގެ ގޭގައި އަމިއްލައަށް މަރުވެފައި އޮއްވަ ފެނުނުއިރު، ގައިގައި ބާރަށް ހިފަހައްޓާފައި ހުރިކަން އެނގޭ ނިޝާންތަކާއި، މަރުވުމުގެ ދެތިން ގަޑިއިރު ކުރިން ޖިއާ ލައިގެން ހުރި ޓްރެކްޝޫޓް ނުފެނުން ފަދަ ކަންކަމުގެ ސަބަބުން މީހަކު އޭނާ މަރާލީކަމަށް ޖިއާގެ އާއިލާއިން ތުހުމަތުކުރެއެވެ.

ޖިއާ މަރުގެ މައްސަލައާއި ގުޅިގެން ޖިއާ ފަސް މަސް ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުން ސޫރަޖް ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 2013ވަނަ އަހަރުގެ ޖުލައި 10ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ކަފާލާތުގެ ދަށުން ސޫރަޖް ދޫކޮށްލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖިއާ ފެނިގެންދިޔަ ހިޓް ފިލްމުތަކުގެ ތެރޭގައި ގަޖިނީ، ހައުސްފުލް ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޖ

    ތިމަރުތަކުގެ ވާހަކަދެއްކުމަވުރެ މާރަގަޅު މިރާއްޖޭގެ ހިގާފައިވާ ރޯޔަލް މަރުތަކާއި ދެންވެސް ހިގާފައިވާ މަރުތައް ބެލުމަށް އުޅުނިއްޔާ އޭރުން

    10