ދަރިން ނުލިބުމުގެ ބައްޔަށް ފަރުވާ ހޯދަން ދިޔަ އެތައް އަންހެނުންނަކަށް އޮޅުވާލައިގެން ދަރިފަނި ދީގެން ކުދިން އުފަން ކުރުވި ކެނެޑާގެ ޑޮކްޓަރެއް ކަމަށްވާ ނޯމަން ބާވިންގެ މައްސަލަ ކޯޓުން ނިމުމަކާއި ހަމައަށް ހިނގައްޖެއެވެ.

މިހާރު އުމުރުން 82 އަހަރު ވެފައިވާ ފާޓިލިޓީ ޑޮކްޓަރު ވަނީ އޭނާގެ ކައިރިއަށް ފަރުވާ ހޯދަން ދިޔަ އެތައް ބަޔަކަށް އޮޅުވާލާފައެވެ. އޭނާ އޮޅުވާލައިގެން އޭނާގެ ދަރިފަނިން އުފަން ކުރުވި ކުދިންގެ އަސްލު އަދަދު ޔަގީން ކުރެވޭކަށް ވެސް ނެތެވެ. މިހާތަނަށް ކަށަވަރު ވެފައިވާ ގޮތުގައި އޭނާ ވަނީ އޮޅުވާލަައިގެން 17 ކުދިންގެ "ބައްޕައަށް ވެފައެވެ." އެކުދިންގެ ޑީއެންއޭ އާއި ޑޮކްޓަރު ނޯމަންގެ ޑީއެންއޭ އާއި ދިމާވެއެވެ.

މިހާރު ކޯޓުގައި ކުރިއަށް ދަނީ ޑޮކްޓަރު ނޯމަގް އޮޅުވާލުން ތަހައްމަލް ކުރަން ޖެހުނު މީހުން ގެއްލުމުގެ ބަދަލު ހޯދަން ކުރާ ދައުވާގެ ޝަރީއަތެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 10.7 މިލިއަން ޑޮލަރު ޑޮކްޓަރު ނޯމަންގެ އަތުން ނަގަން މިހާރު މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު މިކަމުގައި އަދި ގޮތެއް ނުނިންމައެވެ.

ޑޮކްޓަރ ނޯމަން އާއި ދެކޮޅަށް ފުރަތަމަ މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު ޑޭން އާއި ޑެވީނާ ޑިކްސަން ކިޔާ ދެމީހެކެވެ. ފަހުން 200 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންނާއި ބައިވެރިވެފައެވެ. އެއެންމެން ވެސް ބުނެފައި ވަނީ އެމީހުންގެ ދަރިންގެ ބައިލޮޖިކަލް ބައްޕަ އިންނަކީ އެމީހުން ހީކުރި މީހާ ނޫން ކަމަށެވެ.

ޑޮކްޓަރ ނޯމަން ބުނާ ގޮތުގައި އޭނާ ކުރިކަމެއް ކޮށްފައި އޮންނާނީ އެއްވެސް ނުބައި ނިޔަތެއް ނެތި ހެޔޮނިޔަތުގައެވެ.

މިމައްސަލައިގެ ގެއްލުމުގެ ބަދަލަށް މައްސަލަ ހުށަހެޅި ފަރާތްތަކުން އެއްބަސްވި ނަމަވެސް ލިބުނު ގެއްލުމަކީ ފައިސާ އިން އަގު ކުރެވޭނެ ގެއްލުންތަކެއް ނޫންކަމަށް އެމީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަރަދު

    އެހެން ވީމާ ހުރިހާ ދަރިންގެ ޚަރަދު ދޭން ޖެހޭނެ ތާ