ލޯބިވެރިޔާ މަރާލި މައްސަލައެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޯޓަކުން މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ދުބާއީގެ ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ކެނެޑާ މީހެއްގެ މައްޗަށެވެ. ލޯބިވެރިޔާ މަރާލި މައްސަލާގައި ކެނެޑާގެ ފިރިހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާ މަރާލުމަށްފަހު އޭނާ މަރުވިގޮތް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ގާތިލު ބުނީ އޭނާގެ ލޯބިވެރިޔާ މަރުވީ އަމިއްލައަށް ކަމަށާއި އަދި މަރުވި މީހާ އަކީ ޖިންނި މޮޔަވެފައިވާ މީހެއް ކަމަށެވެ.

ފާއިތުވި އަހަރުގެ މާރިޗް މަހު ހިނގި މި ހާދިސާގައި ގާތިލު އޭނާގެ ލޯބިވެރިޔާ މަރާލީ ދެމީހުން މެދުގައި މައްސަލަ ޖެހި ގިނަ ދެބަސްވުންތައް އުފެދިފައި އޮއްވައެވެ

ލޯބިވެރިޔާ މަރާލި ދުވަހު ގާތިލު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ކޯޓަށް ސާބިތުވެފައިވާއިރު އަންހެން ކުއްޖާ މަރާލުމުގެ ކުރިން އެ ކުއްޖާ އަށް ގިނަ އަނިޔާތަކެއްވެސް ކޮށްފައި ހުއްޓެވެ. އަދި ބިލިގާތެރެއަށް އަންހެން ކުއްޖާ ގަންބާލައި ފަސް ގަޑިއިރަށް ބޭއްވިކަމަށްވެއެވެ.

ލޯބިވެރިޔާ މަރާލުމަށްފަހު އެތައް ގަޑިއިރެއް ފަހުން އެމްބިއުލާންސް އަށް ގުޅީވެސް ގާތިލެވެ. އަދި އޮޅުވާލުމުގެ ގޮތުން ލޯބިވެރިޔާ އަށް އަވަހަށް ފަރުވާދިނުމަށް އޭނާ އެދުނު އިރު އަންހެން ކުއްޖާ މަރުވެފައިވާތާ ގިނަ އިރުތަކެއް ވެފައިވާކަމަށް ޑޮކްޓަރުން ބުންޏެވެ.

މި ހާދިސާ ހިނގި ދުވަހު ގާތިލު ދިރިއުޅޭ ގޭގެ ޖެހިގެން ހުރި ގޭގައި ދިއިއުޅޭ އަންހެނަކަށް މަރުވި އަންހެން ކުއްޖާ ހަޅޭއްލަވައި ސަލާމަތް ކުރަން ރޮއި އާދޭސްކުރި އަޑު އިވުނުކަމަށް ވެއެވެ. ގާތިލު އޭނާގެ ލޯބިވެރިޔާ މަރާލުމުގެ ކުރިން އޭނާއަށް ކޮށްފައިވާ އަނިޔާތައް ފެންނަން ހުރިއިރު ކޯޓުން މި ހުރިހާ ކަމަކަށް ބެލުމަށްފަހު ނިންމީ އަންހެން ކުއްޖާގެ ގާތިލަކީ އޭނާ ލޯބިވެގެން އުޅުނު ކެނެޑާގެ ފިރިހެން މީހާ ކަމަށެވެ. އަދި އެ ފިރިހެން މީހާ އެކަން އޮޅުވާލަން އުޅުނު ކަމަށްވެސް ނިންމިއެވެ.

ގާތިލުގެ ފަރާތުން މި ހުކުމް އިސްތިއުނާފް ކުރަން ފޮނުވުމުން ކޯޓުން ވަނީ އެ މައްސަލަ އިތުރަށް ނުބެލުމަށް ނިންމައި ދަށުކޯޓުގެ ހުކުމަށް ތާއީދުކުރާކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު