ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީސް "ދަ ކްރައުން" ގައި އިނގިރޭސިވިލާތުގެ ރާނީގެ ރޯލުން ދެން ފެންނާނީ އިމެލްޑާ ސްޓޯންޓަން ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ، ރާނީ އެލިޒަބަތު ދޭއްގެ ދުވަސްވަރުގެ ވާހަކަތައް ގެނެސްދޭ ނެޓްފްލިކްސް ސީރީސް އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ނެޓްފްލިކްސް އިން ވަނީ މިހާތަނަށް މިސީރީސްގެ ހަތަރު ސީޒަނެއް ގެނެސްދީފަ އެވެ.

65 އަހަރުގެ ސްޓޯންޓަން ރާނީގެ ރޯލުން ފެނިގެންދާއިރު މީގެ ކުރިން ރާނީގެ ރޯލުން ފެނިގެންގޮސްފައިވާ ތަރިންނަކީ ކްލޭ ފޮއި އަދި އޮލިވިއާ ކޮލްމަން އެވެ.

ނެޓްފްލިކްސް އިން ބުނީ މި ސީރީސްގެ ހަވަނަ ސީޒަންގައި ފެނިގެންދާނީ 2،000 ވަނަ އަހަރުގެ ކުރީކޮޅުގައި ޝާހީ އާއިލާގައި ހިންގާ ކަންކަމެވެ. އަދި މިއީ މި ސީރީސްގެ އެންމެ ފަހު ސީޒަން ކަމަށްވެސް ނެޓްފްލިކްސް އިން ބުނެއެވެ.

ކްރައުންގެ ސީޒަން ފަހެއް އަދި ހައެއްގައި ފެނިގެންދަނީ އަމީރާ ޑަޔާނާ އާއި އަމީރު ޗާލްސް ވަކިވާ ހިސާބާއި ވިންޑްސަރ ކާސަލްގައި އަލިފާން ހިފާ މަންޒަރެވެ. އަމީރާ ޑަޔާނާ މަރުވާ ހިތާމަވެރި ހާދިސާވެސް މި ސީޒަންގައި ފެންނާނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

ސްޓޯންޓަން އަކީ ސްކްރީނަށް އާ ފަރާތެއް ނޫނެވެ. އޭނާއަށް ފިލްމީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާއިރު އޭނާ އަށް ވަނީ ގޮލްޑަން ގްލޮބްސް އެވޯޑްވެސް ލިބިފައިކަން ފާހަގަ ކުރެވެއެވެ. އޭނާ ވަނީ ހެރީޕޮޓާ ސީރިސްގައިވެސް ހަރަކާތްތެރިވެފަ އެވެ.

2016 ވަނަ އަހަރު ދައްކަން ފެށި ސީރީސްގެ ފަސް ވަނަ ސީޒަން ދައްކަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.