ޤުރްއާން މުދައްރިސް ނިޔާވީ މީހެއްގެ ޖަނާޒާގައި ޤުރްއާން ކިޔަވަން ހުއްޓާ

މިސްރުގެ ވެރިކަން ކުރާ ސިޓީކަމަށްވާ ކައިރޯގެ އަވަށެއްގައި ޤުރްއާން މުދައްރިސަކު މީހެއްގެ ޖަނާޒާގައި، ޤުރްއާން ކިޔަވަމުން ދަނިކޮށް ކުއްލިއަކަށް ނިޔާވެއްޖެއެވެ.

އުމުރުން 80 އަހަރުގެ ޝެއިޚް މުހައްމަދު ހަސަން ނަމަކަށް ކިޔާ އެ މުދައްރިސް ހުރީ މިސްރުގައި އާއްމު ގޮތެއްގައި ކުރިއަށްގެންދާ ޖަނާޒާތަކުގައި ކަންތައް ކުރާ ގޮތަށް، ޤުރްއާން ކިޔަވާށެވެ.

ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މިކަން ހިނގާދިޔައިރު، އާއްމުންނަށް އޭނާ ނިޔާވިކަން އެނގުނީ، ޤުރްއާން ކިޔަވާ އަޑު ކެނޑިގެން ދިއުމުން ގޮސް ބެލި ބެލުމުންނެވެ.

ބައެއް އާއްމުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ހަސަން އަކީ އޭނާ ދިރިއުޅެމުންދާ ސަރަހައްދުގައި ޤުރްއާން ކިޔަވާދިނުމުގައި އެތައް އަހަރެއްވީ މުދައްރިސެކެވެ.

އޭނާގެ އާއިލާ މީހުން ބުނެފައިވާގޮތުގައި، ކޮންމެ އަހަރެއްގެ ރަމަޟާން މަހު އޭނާ މުޅި ހަތިމް އެތައް ފަހަރު އެއްކޮށް ކިޔަވާ ނިންމައެވެ

"އަހަރެންގެ ބޮޑުބޭބެ ނިޔާވީ ގުރުއާން ކިޔަވަމުން ދަނިކޮށް، އޭނާއަކީ ގުރުއާން ކިޔެވުމަށް ވަރަށް ލޯބިވާ މީހެއް، އޭނާ އަކީ ގުރުއާން ކިޔަވާދިނުމުގައި އުޅޭއިރު، އެކަމަށް ފީއެއް ނަގާ މީހެއްވެސް ނޫން. އޭނާ ވަނީ އެތައް ބަޔަކަށް ގުރުއާން ހިތުދަސް ކޮށްދިނުމަށް އެހީވެފައި".

ހަސަންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.