މުއްސަނދިންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ޕްރައިވެޓް ރޭލެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ ފުރަތަމަ ޕްރައިވެޓް ރޭލު ޑިޒައިން ކުރަނީ އެޕަލްގެ ކޯފައުންޑާ އަދި އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްގެ އަގު ބޮޓު ޔޮޓް ފަރުމާކުރި ފަރަންސޭސި ވިލާތުގެ ޑިޒައިނާ ތީރީ ގައުގެއިންއެވެ.

ޕްރައިވެޓް ޔޮޓްތަކާއި ޖެޓްތައް އަދި ގެތަކާއި ކާރުތައް ފަރުމާކުރުމަށް ބައެއް ތަނަވަސް ފަރާތްތަކުން ހާއްސަ ޑިޒައިނަރަކު ނުވަތަ ޑިޒައިނަރުންތައް ނަގައެވެ. އޭގެ ވަރަށް ގިނަ ފައިދާތަކެއްވެސް ހިމެނެއެވެ. އެގޮތުން މުއްސަނދި މީހާ ބޭނުން ޑިޒައިނަކަށް އޭނައަށް އެންމެ އަރާމު އަދި ހިތްހަމަޖެހިގެން އުޅެވޭ ގޮތަކަށް އެ ފަރުމާއެއް ކުރެވޭނެއެވެ.

ތިއެރީ ގައުގެއިން
ފޮޓޯ: ގޫގުލް

ގައުގެއިން ބުނާގޮތުގައި އޭނާ ފަރުމާކުރަން ތައްޔާރުވަމުންދަނީ 'ވޯލްޑް ފަސްޓް ޕްރައިވެޓް ލަކްސަރީ ޓްރެއިން' އެވެ. މީގެ ކުރިން އޭނާ ވަނީ އެކި ދާއިރާތަކުގެ ތަކެތި ފަރުމާކޮށްފައެވެ. އެގޮތުން ފަރުނީޗަރު، ބިއްލޫރި، ސައިކަލު އަދި ޕްރައިވެޓް މަތިންދާ ބޯޓުތައްވެސް ހިމެނެއެވެ.

ގައުގެއިންގެ ނަން ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އެއް ގޮތަކީ ސްޓީވް ޖޮބް އަށް ޑިޒައިންކޮށްދިން 260 ފޫޓުގެ ޕްރައިވެޓް ޔޮޓް 'ވީނަސް' އާ އެކުއެވެ.

ގައުގެއިން ރޭލު ފަރުމާކުރާނޭ ގޮތް
ފޮޓޯ: ގޫގުލް

ރޭލަކީ ވަރަށް ކުރީއްސުރެ ދުނިޔޭގައި ދިގު ދަތުރުތައް ކުރުމުގައި ބޭނުންކުރަމުން އައި އެކައްޗެވެ. ދުނިޔޭގެ އެކި ހިސާބުގައި އެކި ދަރަޖައިގެ ރޭލުތައް އެކި ފެންވަރަށް ހިދުމަތް ލިބޭ ގޮތަށް ދަތުރުކުރެއެވެ.

ގަޑިއެއްގެ ތެރޭގައި 99 މޭލު ބާރުމިނުގައި ދަތުރުކުރެވޭނޭ ގޮތަށް ފަރުމާކުރާ މި ރޭލުގެ ހުރިހާ ކަމެއްގެ ހަރަދަށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އަރާނޭ ކަމަށް ލަފާކުރެވެއެވެ. ބިއްލޫރިން ފަރުމާކުރާ މި ރޭލުގައި އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ކޮޓަރިތަކާއި މިއުޒިއަމެއް އަދި ބަގީޗާ އެއްވެސް ހިމެނޭނެވެ.

ކޮންމެއަކަސް މި ރޭލު ވެގެންދާނީ ދުނިޔޭގެ ސަމާލުކަން ހޯދާނެ ތަފާތު އެތައް ކަމެއް ހިމެނޭ ރޭލެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު