ޓިކްޓޮކްގައި އަބަދުވެސް އާ ޓްރެންޑުތަކާއި އާ ހުނަރުތައް އާންމުވެ އެ ކަންކަން ކުރަން މީހުން އުޅޭ ތަން ފެނެއެވެ. އެތައް މިލިއަން ބަޔަކު ޓިކްޓޮކް ބޭނުންކުރާ އިރު މިފަހަރުގެ ހޫނު މޫސުމުގައި އާ ކަމެއް ޓިކްޓޮކްގައި މިވަނީ އާންމުވެފައެވެ. އެގޮތުން މާމުއި ގަނޑުކޮށްގެން ލޮލީ ހެދުން މިވަނީ އާންމުވެފައެވެ.

މާމުއި އަކީ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރާ އެއްޗެކެވެ. އެއީ ސިއްހަތަށް އެތައް ފައިދާއެއް ލިބޭ ގުދުރަތީ ބުއިމެކެވެ. އެއްވެސް މިންވަރަކަށް ކެމިކަލެއް ނުހިމެނޭ މި ބުއިން ފިނިކޮށްގެން ލޮލީއެއް ގޮތަށް ބޭނުން ކުރުން އާންމުވެފައިވާ އިރު މި ތަޖުރިބާކޮށްލުން މިއީ ރަނގަޅު ކަމެކެވެ.

ފްރޯޒެން ހަނީ ޖަހާފައިވާ ހޭޝްޓެގް ހިމެނޭ 220 މިލިއަން ވީޑިއޯ ޓިކްޓޮކްގައި ހުރިއިރު އެއްފަރާތަކުން ބުނީ ޓިކްޓޮކުން މިފަދަ ވީޑިއޯއެއް ފެނުމުން އޭނާވެސް މިކަން ތަޖުރިބާ ކުރިކަމަށެވެ. އެގޮތުން މާމުއި ފުޅިއަކަށް އަޅައި ގަނޑުކޮށްގެން ބޮއެފައިވާ ކަމަށް އޭނާ ބުންޏެވެ. ގަނޑުކޮށްފައި ހުރި މާމުއި ވަރަށް މީރު ކަމަށް ވެސް އޭނާ ބުންޏެވެ.

މާމުއި ގަނޑުކުރުމުގައި ކޮންމެ ވައްތަރެއްގެ މާމުއި އެއްވެސް ބޭނުންކުރެވިދާނެއެވެ. މާމުއި އެއްކޮށް ގަނޑެއް ނުކުރެވުނަސް މާމުއި އަސްލު ހުންނަ ގޮތަށްވުރެ ހަރުކުރެވޭނެއެވެ. އަދި ހޫނު ދުވަހެއްގައި ކަރުތެރެ ފިނިކޮށްލަން މިއީ ވަރަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އެކި ވައްތަރުގެ މާމުއި ލިބެން ހުރެއެވެ. މާމުއިގެ ރަހައަށް ކުޑަ ބަދަލުތަކެއް އަންނަނީ މާމުއި އުފައްދާ ކުޅަދުރު ތަފާތު މާތަކުން ފޮނި ބޯތީއެވެ. ބައެއް މާމުއި އަގުބޮޑުވެފައި އަނެއްބައި މާމުއި އަގުހެޔޮ ވަނީ މިހެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު