މީސް މީޑިޔާއަކީ މިހާރު ވަރަށް ބާރުގަދަ ހަތިޔާރެކެވެ. މީހަކު މަޝްހޫރު ކޮށްލުމަށް ނުވަތަ މީހެއްގެ އަގު ވައްޓާލުމަށް ވެސް ނަގާނީ ކުޑަ ހިނދު ކޮޅެކެވެ.

މީސް މީޑިޔާގައި ފޮޓޯއާއި ވީޑިއޯތައް އަޕްލޯޑު ކުރާއިރު ވަރަށް ވިސްނަން ޖެހެއެވެ. ކިރިޔާ ވެސް ރަނގަޅު ކަމެއް ފެނިއްޖެ ނަމަ އެކަމުން ފައިދާއެވެ. އުފާވެރި ކަމެވެ. ނަމަވެސް އެ ޕޯސްޓުތައް ހިތްދަތިކަމަށް ނުވަތަ ލަދުވެތި ކަމަކަށް ވެސް ބަދަލުވެދާނެއެވެ.

މި މައްސަލައަކީ ވަކީން ހާއްސަކޮށް މަޝްހޫރު ފަންނާނުންނަށް ކުރިމަތިވާ ކަމެކެވެ. މިފަދަ އެތައް ނޭދެވޭ ފާޑުކިޔުންތަކެއް ފަންނާނުންނަށް ކުރިމަތިވެއެވެ.

އެގޮތުން ބޮލީވުޑުގެ އެކްޓަރ ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭއަކީ ބޮލީވުޑުގައި ކުރިއަރަމުން އަންނަ ތަރިއެއްގެ އިތުރުން މީސް މީޑިޔާގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ. ނަމަވެސް އަނަންޔާއަށް ވެސް މީސް މީޑިޔާގައި ނޭދެވޭ އެތައް ފާޑުކިޔުންތަކެއް ދަނީ ކިޔަމުންނެވެ.

އަނަންޔާއަށް މި ހިތްދަތި ވަގުތުގައި އޭނާގެ ދިފާޢުގައި ވާހަކަދެއްކީ ބައްޕަ ޗަންކީ ޕާންޑޭއެވެ. އަނަންޔާގެ ދިފާޢުގައި ވާހަކަ ދައްކައި އޭނާއަށް ހިތްވަރުދީ ޗަންކީ ދައްކުވައިދިނީ ބައްޕައެއްގެ ލޯތްބެވެ.

މީސް މީޑިޔާގެ ސަބަބުން މިއަދު އެތައް ބައެއްގެ ސަމާލުކަން ލިބޭ މީހާއަށް މާދަމާ އެތައް ބައެއްގެ ނަފުރަތު ލިބިދާނެ ކަމަށް ޗަންކީ ބުނެފައިވެއެވެ.

''އެއީ ހަމައެކަނި އެޕްލިކޭޝަނެއް. ކިތައްމެ ބަޔަކު އެ ބޭނުން ކުރި ނަމަވެސް އަޕްލޯޑް ކޮށްލާ ފޮޓޯ ނުވަތަ ވީޑިއޯއަކީ މާދަން ވެސް ޑިލީޓް ކުރެވިދާނެ އެއްޗެއް. ނަމަވެސް ދަރިއަކާއި ބެހޭގޮތުން މިފަދަ ކޮމެންޓްތައް ކިޔައި ހެދުމަކީ ކޮންމެ މަންމައަކަށް ނުވަތަ ބައްޕައަކަށް ވެސް އުދަނގޫވާނެ ކަމެއް. ފާޑުކިޔާ މީހުން އެ އަދާ ކުރަނީ އެމީހުންގެ ވަޒީފާ. ފާޑުކިޔުންތަކަކީ އަބަދުވެސް އޮންނާނެ ކަމެއް. އަހަރެމެން ޖެހޭނީ ކެރިގެން އެކަން ކަމާއި ކުރިމަތިލާން'' ޗަންކީ ޕާންޑޭ ބުނެފައިވެއެވެ.