ކައިވެންޏަށް ވީ ދޮޅުމަސް!

އަލަށް ކައިވެނި ކުރި އަންހެނަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމުގެ ހުއްދަ އިންޑިއާގެ ބިހާރްގެ ކޯޓަކުން ދީފިއެވެ. އެ ހުއްދަ އެ އަންހެން މީހާއަށް ދީފައި ވަނީ، އެ ފިރިމީހާ ގާތުން ވަރިވެ، އޭނާ މަތީތައުލީމްގެ ފުރުސަތު ބޭނުން ހިފަން ބޭނުންވެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ނެހާ ކުމާރީ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އެ އަންހެން މީހާ ވިލޭޖް ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 26 ވަނަ ދުވަހުއެވެ. އޭނާ އެދުނީ ފިރިމީހާ ސުނިލް ކުމާރް ކައިރިން ވަރިވާށެވެ.

އޭނާ ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ އޭނާ އަކީ ގްރޭޑް 12 އާހަމައަށް ކިޔަވާފައިވާ މީހެއް ކަމަށާއި، އޭނާ އެ ކައިވެނި ރޫޅަން ބޭނުންވަނީ، ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދުމަށް ނަމަވެސް، ފިރިމީހާގެ އާއިލާގެ ފަރާތުން އެ ފުރުސަތު ހޯދައި ނުދޭ ކަމަށެވެ.

"އަހަރެންނަށް ފިރިމީހާގެ އާއިލާ ތެރޭގައި އުޅެނީ ޖަލެއްގައި ބަންދުވެގެން އުޅޭހެން، އަހަރެން އިތުރަށް ކިޔެވުމަށް ފިރިމީހާވެސް އަދި އޭނާގެ އާއިލާއިންވެސް ހުއްދައެއް ނުދޭ".

މިދިޔަ ޖުލައި މަސް ތެރޭގައި އޭނާ ވަނީ ގެއިން ފިރިމީހާގެ ގެއިން ފިލާ އިތުރަށް ކިޔެވުމަށް ގޮސްފައެވެ. އެކަން އޭނާގެ ފިރިމީހާގެ އާއިލާގެ މީހުންނަށާއި، އޭނާގެ އާއިލާއަށްވެސް ނާންގައެވެ. އެކަމާއި އޭނާގެ އާއިޅާއިން ކަންބޮޑުވެގެން އޭނާގެ ބައްޕަ ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އެންމެ ފަހުން ނެހާ ވަނީ ފިރިމީހާގެ ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ކޯޓުގައި އޭނާ ބުނެފައިވާގޮތުގައި، އޭނާ ގެއިން ނުކުމެގެން ގޮސްފައި ވަނީ ކައިވެނި ކުރިއަށްގެންދަން ބޭނުން ނުވެގެން ކަމަށެވެ.

މިއާއެކު ކޯޓުން ވަނީ އޭނާގެ މައިންބަފައިނާއި، އައި ފިރިމީހާގެ އާއިލާ މީހުންނާއި ޖުލައި 28 ވަނަ ދުވަހު ވާހަކަދައްކާފައެވެ.

އަދި ކޯޓުގައި އަންހެން މީހާ ވަނީ އޭނާ ބޭނުންވަނީ ތެކްނިކަލް ތަމްރީން ނިންމަައި، ވަޒީފާއެއް ހޯދަން ކަމަށާއި، އޭގެ ފަހުން އިތުރަށް ކިޔަވަން ދާން ނިންމި ނަމަވެސް އެކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

"އަހަރެންގެ އާއިލާއިން މަޖުބޫރުކޮށްގެން އަހަރެން ކައިވެނި ކުރީ، އަހަރެންގެ ފިރިމީހާގެ އާއިލާއިން އަހަރެން އިތުރަށް ކިޔަަވަން ހުއްދައެއް ނުދޭ، އަހަރެން މި ކައިވެނި ރޫޅާލަން ބޭނުންވަނީ ކެރިއާ ބިނާ ކުރުމުގައި ބޭނުމުގައި،". އޭނާ ކޯޓުގައި ބުންޏެވެ.

އެ އަންހެން މީހާ ކައިވެނި ކޮށްފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭގަައެވެ.

ނެހާގެ ވާހަކަތައް އަޑުއަހާފައި އެ ކޯޓުން އެ ކައިވެނި ދެމެހެއްޓުމަށްޓަކައި ނަސޭހަތްދިން ނަމަވެސް، ނެހާ ބޭނުންވީ ފިރިމީހާ ކައިރިން ވަރިވާށެވެ. މިއާއެކު ކޯޓުން އޭނާއަށް ހުއްދަ ދިނެވެ. އަދި އޭނާ ވަނީ ކޯޓުގައި ޝުކުރު އަދާ ކޮށްފައެވެ.