ބޮލީވުޑުގެ ބަތަލާ ޝްރީދޭވީއާއި ޑައިރެކްޓަރ ބޯނޭ ކަޕޫރުގެ އަންހެނުން ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރު ކައިވެނީގެ ހެދުމުގެ ފޮޓޯ ޝޫޓެއްގެ ތެރެއިން އޭނާގެ ހުވަފެނީ ކައިވެނި ހަފުލާ ހިއްސާ ކޮށްފިއެވެ.

ޕީކޮކް މެގަޒިންގެ ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯ ޝޫޓުގެ ތެރެއިން ޖާންވީގެ ކައިވެންޏާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ދިން ޖަވާބުން އެނގެނީ އޭނާ ބޭނުންވަނީ ކޮންކަހަލަ ކައިވެނީގެ ހަފުލާއެއް ކަމެވެ.

''ބްރައިޑަލް ޝަވަރ'' ބާއްވަން ޖާންވީ ބޭނުން ވަނީ އިޓަލީގެ ރަށެއް ކަމުގައިވާ ކެޕްރީގައި ޔޮޓެއްގައެެވެ. އަދި ކައިވެނީގެ ހަފުލާ ބާއްވަން ބޭނުން ވަނީ އިންޑިޔާގެ އަވަށެއް ކަމުގައިވާ ޓްރިޔުޕަތީގައި ކަމަށެވެ.

މެހެންދީއާއި ލަވަކިޔުމުގެ ހަފުލާ ބާއްވަން ބޭނުން ވަނީ ކޮން ތާކުތޯ ސުވާލު ކުރުމުން ޖާންވީ ބުނެފައިވަނީ އޭނާގެ ގޭގައި ކަމަށެވެ.

ކައިވެނި ހަފުލާގެ ތީމާއި ބެހޭގޮތުން ޖާންވީ ބުނެފައިވަނީ އޭނާ ބޭނުން ވަނީ އުއްބައްތިއާއި ހުވަނދު މަލާއި އެކު ސަގާފީ ތީމް އަކަށް ކަމަށެވެ.

ކައިވެނި ހަފުލާ ޒީނަތްތެރިކޮށް ފަރުމާ ކުރާނެ ގޮތަކާއި މެދު އަދި ނުވިސްނާ ކަމަށް ޖާންވީ ބުނި ނަމަވެސް އޭނާގެ ކައިވެނި ހަފުލާ ބޭނުން ވަނީ ވަރަށް ސާދާކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިޔާގެ ކައިވެނި ތަކަކީ ހަފުތާއަކަށް ދެމިގެންދާ ކައިވެނި ތަކެއް ނަމަވެސް ޖާންވީ ބޭނުން ވަނީ ދެ ދުވަހުގެ ތެރޭގައި އޭނާގެ ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ނިންމާލުމަށެވެ.

ޖާންވީގެ ކައިވެނީގެ ހެދުން ފަރުމާ ކުރުމަށް އޭނާ އިހުތިޔާރުކޮށްފައިވަނީ ޑިޒައިނަރެއް ނޫނެވެ. ނަމަވެސް އެއީ އޭނާގެ ކޮއްކޮ ޙުޝީ ކަޕޫރެވެ.