ކޮވިޑް-19 ޖެހުމުން އިންސާނުންގެ ގައިން ފެންނަ ފަދަ އަލާމާތްތަކެއް އިންޑޮނޭޝިއާގެ ޒުލެއްގައި އޮތް ދެމިނިކާވަގުގެ ކިބައިން ފެނުމުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު ފައްސިވެއްޖެއެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑަށް ފައްސިވީ ޖަކާޓާގެ ޒުލެއްގައި އޮތް ދެމިނިކާވަގެވެ. މީގެތެރެއިން އެއް މިނިކާވަގަކީ އުމުރުން 09 އަހަރުގެ މިނިކާވަގެކެވެ. ދެވަނަ މިނިކާވަގުގެ އުމުރުން 12 އަހަރެވެ. އޮފިޝަލުން ބުނާ ގޮތުގައި ކޮވިޑަށް ފައްސިވި ދެމިނިކާވަގު ކިބައިން ވެސް ހުން އައިސް، ނޭވާ ކުރުވެ ރޯގާގެ އަލާމާތްތައް ފެނުނު ކަމަށެވެ. ނަމަވެސް މިދިޔަ މަހު ކޮވިޑަށް ފައްސިވި ދެމިނިކާވަގުގެ ހާލު ވެސް މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

"ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށިފަހުން ދެމިނިކާވަގު ވެސް ކެއުމާއި ވަރަށް ބޮޑަށް ދުރުވި. އަދި އާއްމުކޮށް އުޅޭ ގޮތާއި ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އުޅެން ފެށިގޮތް ވަރަށް ބޮޑަށް ތަފާތުވި." އޮފިޝަލް ވިދާޅުވިއެވެ.

ޖުލައި މަހުގެ ކުރީކޮޅު ދެމިނިކާވަގު ކޮވިޑަށް ފައްސިވުމުން އެންޓިބައޮޓިކް އަކާއި އަދި އިތުރު ބޭސްތަކެއް ދެމިނިކާވަގަށް ވެސް ދިނެވެ. "މިހާރު ދެމިނިކާވަގުގެ ހާލު ވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން. މިހާރު ޒޫ ތެރޭގައި ހަރަކާތްތެރިވެ އުޅުން ވެސް އިތުރުވާން ފަށައިފި." އޮފިޝަލަކު ވިދާޅުވިއެވެ.

ވަކިން ގެންގުޅެމުން އައި ދެޖަނަވާރު ކޮވިޑަށް ފައްސިވީ ކިހިނެއްކަން ނޭނގޭ ކަމަށް ޒޫގެ އޮފިޝަލުން ވިދާޅުވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ދެމިނިކާވަގު ކޮވިޑަށް ފައްސިވީ ކޮވިޑްގެ ހާލަތު އިންޑޮނޭޝިއާގައި ގޯސްވަމުން ދާތީ ޒޫ ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އިންޑޮނޭޝިއާ އަކީ މިހާރު ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު