އެމެރިކާގެ ފިރިހެނެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޔަންގް ލޫ މާބަނޑުވެފައިވާ އޭނާގެ އަނބިމީހާ މަރާލުމަށްޓަކައި އަނބިމީހާ އަށް ހަމަލާދީ، އަނބިމީހާގެ އިނގިލިތަކާއި އަތް ޗިސްޗިސް ކޮށްލުމަށް ފަހު ފިލަން މަސައްކަތް ކޮށްފިއެވެ.

ޔަންގް އޭނާގެ އަނބިމީހާ މަރާލުމަށް މަސައްކަތް ކުރި ނަމަވެސް އަނބިމީހާ މަރުވެފައެއް ނުވެއެވެ. އަނބިމީހާ އަށް ހަމަލާ ދިނުމަށް ފަހު ޔަންގް ދިއުމުން އަނބިމީހާ ވަނީ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

ޔަންގް ހޯދަމުން ދަނިކޮށް ފުލުހުންނަށް އޭނާ ފެނުނީ އެމެރިކާ އިން ފިލައިގެން ކެނެޑާ އަށް ދިއުމަށް އެމެރިކާ އާއި ކެނެޑާ ގުޅޭ ބޯޑަރު ކައިރީގައި ހުއްޓައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔަންގް އޭނާގެ އަނބިމީހާ އަށް ހަމަލާދިނީ ދެމަފިރިން ދިރިއުޅޭ އެޕާޓްމަންޓްގައެވެ. ޔަންގް ވަނީ އަނބިމީހާގެ ކަނާތުގެ ދެއިނގިލި ބުރިކޮށްލުމަށް ފަހު އަތައް ހަމަލާދީ އަތް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.

ޔަންގް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާގެ މައްޗަށް ވަނީ އަނބިމީހާ މަރާލަން އުޅުމާއި، އަނބިމީހާ އަށް ޖިސްމާނީ އަނިޔާ ކުރުމުގެ ދައުވާ އުފުލާފައެވެ.

ޔަންގް އޭނާގެ އަނބިމީހާ މަރާލަން މަސައްކަތް ކުރިއިރު އަނބިމީހާގެ ބަނޑަށް މިހާރު ހަމަސް ފުރިއްޖެއެވެ. އަދި ދެމަފިރިންގެ ހަތް އަހަރުގެ އިތުރު ފިރިހެން ކުއްޖަކު ވެސް އެބަހުއްޓެވެ.

ޔަންގްގެ އަނބިމީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު