އިންޑިއާގެ މަގުތައްމަތީ އުޅޭ ގިނަ އަދަދެއްގެ ކުއްތާތަކެއް މެރި މައްސަލައެއް އެގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޖަނަވާރުން ހިމާޔަތް ކުރުމާއި ގުޅޭ ގްރޫޕެއްގެ މީހަކު ބުނެފައިވަނީ ގާތްގަނޑަކަށް 300 އެއްހާ ކުއްތާ ވިހަ ދީގެން މަރާލާފައިވާ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އިދާރާތަކުން ކަމަށެވެ.

އޭނާ ބުނީ، ލިންގާޕަލެމް އަވަށުގެ އިދާރާތަކުން ޖަނަވާރުތައް މެރުމަށް ހާއްސަ ބަޔަކު ގެންގުޅޭ ކަމަށާއި ވިހަ ދީގެން އެތަކެތި މަރަނީ މަގުތައް މަތީގައި އުޅޭ ކުއްތާތަކުގެ އާބާދީ މަދު ކުރުމަށް ކަމަށެވެ. އޭނާ ބުނީ އެގޮތަށް އެކަންކަން ނުކުރިއަށް އެތަކެއް ސާފުކޮށް، އޮޅުކުރެވޭ ކަމަށެވެ.

އެގައުމުގެ ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު، އޭނާ ވަނީ ބައެއް އަވަށްތަކުގެ އިސް ފަރާތްތަކާއި ދެކޮޅަށް މައްސަލަ ފައިލު ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ކުއްތާ ތަކުގެ ޕޯސްޓްމޯޓަމް ހަދާފައެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާއްމު ކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން ޖަނަވާރުތައް އެގައުމުގައި އަނިޔާވެރިކޮށް މެރުމަކީ އެއީ ކުށެކެވެ. އެހެން ނަމަވެސް އެގައުމުގެ މީހުން މަގުތައް މަތީ އުޅޭ ކުއްތާތަކާއި އެހެނިހެން ޖަނަވާރުތައް މަރާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ. އެފަދަ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، އެކަން ކުރާ ފަރާތްތަކުން ނުހޯދޭތީ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅެއެވެ.