ހަށިގަނޑު ބަރުވެ ފަލަވުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ތަފާތު އެކި ސަބަބުތަކަށްޓަކައި މި މައްސަލަ އެކި މީހުންނަށް ކުރިމަތިވާއިރު، ފަލަވުމުން އެ ހާލަތުން އެނބުރި ރުޖޫޢަވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން ފަލަވުމުގެ ކުރިން އެކަމާއި މެދު ސަމާލުވެ ފަލަވުމަށް މެދުވެރިކުރުވާ ކަންކަން ދަނެ އެކަންކަމާއި ދުރުވެ ހުރުމަކީ އެންމެ މޮޅު ގޮތެވެ.

ފަލަވުމަށް މެދުވެރިވާ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި ތަފާތު އެކި ކަހަލަ ކާނާތައް ކެއުން ގިނަ ކުރުމާއި ނިދުމާއި އެނޫންވެސް ކަންކަން ހިމެނެއެވެ. ނަމަވެސް މިއީ ފަލަވުމަށް މެދުވެރިކުރުވާ ތަފާތު ކަމެއްގެ ވާހަކައެވެ. ދާދިފަހުން އެމެރިކާގެ ސައިންސްވެރިންތަކެއް ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެފައި ވަނީ، ހިރަފުހަކީވެސް ފަލަވުމަށް މެދުވެރިކުރުވާ އެއްޗެއް ކަމެވެ. ތިމާ އަބަދުމެ ދިރިއުޅޭ ގޭތެރޭގައި ހިރަފުސް ބޯވުމަކީ ފަލަވާން މެދުވެރިވާ މައިގަނޑު ސަބަބެއްކަން މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

އެމެރިކާގެ މެދު އުތުރު ކެރޮލީނާގެ އާންމުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތަކުން ސައިންސްވެރިން އެއްކުރި ގިނަ އަދަދެއްގެ ހިރަފުހުގެ ސާމްޕަލް ބޭނުންކޮށްގެ ކުރިޔަށްގެންދިޔަ މި ދިގު ދިރާސާއިން އެނގުނުގޮތުގައި ހަށިގަނޑު ފަލަވުމަށް މެދުވެރިކުރުވާ ސެލްތައް ހަށިގަނޑުގައި އިތުރުވެ ގިނަވުމަށް މަގުފަހިކުރާ 70 އަށްވުރެ ގިނަ ކެމިކަލް، މި ހިރަފުހުގައި އެކުލެވިގެން ވެއެވެ. ސައިންސްވެރިން ވަނީ ލެބޯޓްރީގައި މި ކެމިކަލް ބޭނުންކޮށްގެން ސެލްތަކަށް އަންނަ ބަދަލުތައް ބަލައި ދިރާސާކޮށްފައެވެ.

ހިރަފުހުގެ އިތުރުން ދަވާދާއި ގޭގައި ބޭނުންކުރާ ޑިޓާޖެންޓުފަދަ ތަކެތި ބޭރުވާ ކެމިކަލަކީވެސް ފަލަވުމަށް މެދުވެރިކުރާ މި ކެމިކަލްތައް ގިނަ ޢަދަދަކަށް އުފައްދާ ތަކެތިކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ޑޫކް ޔުނިވާސިޓީން ކުރިޔަށްގެންދިޔަ މި ދިރާސާގެ އިސް ތަޖުރިބާކާރު އަދި ނިކޮލަސް ސްކޫލް އޮފް އެންވާރަމަންޓުގެ ސައިންސްވެރިޔާ، ޑޮކްޓަރ ކްރިސްޓަފާ ކަސޯޓިސް ބުނެފައިވަނީ މި ދިރާސާއިން އެނގެނީ ގޭތެރޭގައިވެސް އުފެދޭ އެކި ކަހަލަ ކެމިކަލްތަކުގެ ސަބަބުން ހަށިގަނޑާއި ސިއްޙަތަށް ގިނަގުނަ ނޭދެވޭ އަސަރު ކުރާކަން ކަމުގައެވެ. އަދި ޚާއްސަކޮށް އެ ކެމިކަލްގެ އަސަރު އެންމެ ބޮޑަށް ކުރިމަތިކުރުވަނީ ކުޑަކުދިންނަށް ކަމަށްވެސް ޑރ. ކްރިސްޓަފާ ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ ދިރާސާއިން ވަރަށް ގިނަ ހޯދުންތަކެއް މިވަނީ ހޯދިފައި. މި ދިރާސާއަށް އެއް ކުރެވުނު ހިރަފުހުގެ ކޮންމެ ސާމްޕަލްއެއްގެ ތިންބައިކޮށްފައި ދެބައި ވެގެން މިދަނީ ފެޓް ސެލް އުފެދި އާލާވުމަށް މެދުވެރިކުރުވާ ކެމިކަލް ހިމެނޭ ހިރަފުހަށް. އެހެނަކަމުން ހިރަފުހަކީ ފަލަވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބޭ ބުނެވިދާނެ،" ޑރ. ކްރިސްޓަފާ ބުންޏެވެ.

ކްރިސްޓަފާގެ ޓީމުން ވަނީ މި ދިރާސާއިން ހޯދުނު ހޯދުންތަކުގެ އިތުރުން، ފަލަވުމަށް މެދުވެރި ކުރުވާ ކެމިކަލްތަކާއި ގުޅޭގޮތުން އިތުރު ހޯދުންތައް ހޯދުމަށް ނިންމާފައެވެ. އަދި ދިރާސާ ނިންމާލާއިރު އެ ކެމިކަލްތަކަކީ ކޮބައިކަމާއި އޭގެ އެކި ބާވަތްތަކުން ހަށިގަނޑަށް އަސަރު ކުރުވާ މިންވަރުވެސް އެނގިގެންދާނެ ކަމަށް އެ ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

މީގެ ކުރިން އެމެރިކާގެ އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ކުރިޔަށްގެންދިޔަ ދިރާސާއަކުން ހާމަވެފައި ވަނީ، އެޤައުމުގައި ކުޑަކުދިންނަށް ކޮންމެ ދުވަހަކު 60 އާއި 100 މިލިގްރާމާއި ދެމެދުގެ އަދަދަކަށް ހިރަފުހުގެ އަސަރު ކުރާ ކަމަށެވެ. ކޮންމެ މިލިގްރާމަކީ 1000 މައިކްރޯގްރާމް ކަމުގައިވާއިރު، މިއީ ކުޑަކުދިންނާއި ތުއްތުކުދިންގެ ހަށިގަނޑަށް ބަލާއިރު ވަރަށް މަތީ މިންވަރެއް ކަމަށް ދިރާސާވެރިން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިމްޒިމް

    އަހަރެމެން ކުރި ދިރާސާއިން ދައްކަނީ ދިރިއުޅޭ ތަނުގައި މީހާ ފަލަވީމާ ހިރަފުސް ގިނަވާކަން.. އެއީ ކަންނެތްކަމުން ސާފްކުރާހިތްނުވާތީ..

    2
    1
  2. ޜާހިލް

    ކެލޮރީ ގިނަވާނަމަ ފަލަ ވާނެ. ޣިޓްސް ދެޓް ސިމްޕަލް.