ކަޓިއުސިއާ ޕައުލޯ ގެބްރިއަލްއަކީ ދުނިޔޭގެ އެންމެ ކުރު ދެމަފިރިންނެވެ. މި ދެ މަފިރިން ވަނީ ދުނިޔޭގެ އެންމެ ކުރު ދެމަފިރިންގެ ރެކޯޑު ހަދައި ގިނަސް ވާރލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފައެވެ.

ކަޓިއުސިއާގެ އިސްކޮޅުގައި ހުންނަނީ 91.13 ސެންޓިމީޓަރެވެ. އަދި ޕައުލޯގެ އިސްކޮޅުގައި ހުންނަނީ 90.28 ސެންޓިމީޓަރެވެ. ދެމީހުންގެ އިސްކޮޅު އެއްކޮލުމުން ވަނީ 181.41 ސެންޓިމީޓަރެވެ.

ޕައުލޯ ބުނެފައިވާ ގޮތުގައި ''ޑޭޓް'' އަކަށް ދިޔުމަށް އޭނާއަށް އެންމެ ގިނަ ގޮންޖެހުންތަކާއި ދަތިތަކަކާއި ކުރިމަތިވީ ކަޓިއުސިއާއާއި އެކުގައި ކަމަށެވެ. ކަޓިއުސިއާގެ އާނ ބަސް ހޯދުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށް ބުންޏެވެ.

މި ދެމަފިރިން އެންމެ ފުރަތަމަ ދިމާވީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބްރެޒިލުންނެވެ.

ކަޓިއުސިއާ ބުނެފައިވާ ގޮތުގައި މިއީ ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެއް ނޫނެވެ. ނަމަވެސް އެކުގައި ވަގުތު ހޭދަ ކުރި ވަރަކަށް ލޯބި އާލާވަމުން ދިޔަ ކަމަށެވެ.

މިދެމަފިރިންގެ ކައިވެނި ހަފުލާވެގެން ދިޔައީ އެމީހުން ހީކުރި ވަރަށް ވުރެ ވެސް ފުރިހަމައަށެވެ. އަދި އެއީ އެ ދެ އާއިލާ ފުރަތަމަ ފަހަރަށް އެކުގައި ދިމާވި ދިމާވުން ކަމަށާއި އެއީ ވަރަށް އަގުހުރި ވަގުތުކޮޅެއް ކަމަށް ދެމަފިރިން ވެސް ގަބޫލު ކުރެއެވެ.

ކަޓިއުސިއާއާއި ޕައުލޯ އެކަކު އަނެކަކަށް ދަންނަ މިންވަރު ބެލުމަށް ކުރެވުނު ސުވާލު ތަކުގެ ތެރެއިން އެންމެ ގިނައިން ގޭތެރޭގެ މަސައްކަތް ކުރަނީ ކާކުތޯ އެހުމުން ކަޓިއުސިއާ ބުނެފައިވަނީ އެއީ އޭނާ ކަމަށެވެ. ނަމަވެސް ޕައުލޯ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

އެންމެ ގިނައިން މަޖާ ވާހަކަ ދައްކަނީ ކާކުތޯ ކުރެވުނު ސުވާލަށް ދެމަފިރިން ވެސް ދީފައިވަނީ އެއް ޖަވާބެކެވެ. އެއީ ޕައުލޯއެވެ.

އެންމެ މީރުކޮށް ކައްކަނީ ކާކުތޯ ކުރެވުނު ސުވާލަށް ކޮންމެ މީހަކު ވެސް ބުނީ އެމީހެއްގެ ނަމެވެ. އެންމެ މޮޅަށް ޑާންސް ކުރަނީ ކާޚުތޯ ކުރެވުނު ސުވާލަށް ވެސް ޖަވާބު ދީފައިވަނީ މިފަދައިންނެވެ.

އެންމެ ފުރަތަމަ ކުށް ގަބޫލުކޮށް މަޢާފަށް އެދެނީ ކާކުތޯ ކުރެވުނު ސުވާލަށް ދެމަފިރިން ވެސް ބުނެފައިވަނީ އެއީ ކަޓިއުސިއާ ކަމަށެވެ. އަދި އެންމެ ގިނައިން ވާހަކަ ދައްކަނީ ޕައުލޯ ކަމަށް ދެމީހުން ވެސް އެއްބަސްވެފައިވެއެވެ.

އެންމެ ކުރު ދެމަފިރިންނަށް ވުމުން އެންމެ އުދަނގޫވާ ކަމަކީ ކޮންމެ ދުވަހެއްގެ ވެސް އާއްމުކޮށް ކުރާ ކަންތައްތަކުގައި ކަމަށެވެ. ދޮރުތަކާއި ލިފްޓްތަކާއި އޭޓީއެމް ފަދަ އެއްޗެހި ބޭނުން ކުރުމުގައި ކަމަށް ދެމަފިރިން ވެސް ބުނެފައިވެއެވެ.

އެހެންމީހުން ''ޖަޖު'' ކުރުމާއި ކުރު މީހުންނާއި މެދު ދެކޭގޮތުން ވަރަށް ދެރަވާ ކަމަށް ވެސް މި ދެމަފިރިން ބުނެފައިވެއެވެ.