މޮނާ ލިސާއަކީ ކާކު؟ އެންމެންގެ މެދުގައި މޮނާ ލިސާއަށް މަގުބޫލު ކަމެއް ލިބިގެން ދިޔައީ ކިހިނެއް؟ ދުނިޔޭގެ އެންމެ މަގުބޫލު އެއް ތަސްވީރަކަށް މި ތަސްވީރު ވީ ކީއްވެ؟ މިއީ މި ތަސްވީރު ފެނުމުން ހިތަށް އަރާ ސުވާލު ތަކެކެވެ.

އެއީ އެ ތަސްވީރުގައި މޮނާ ލިސާގެ ހިނިތުންވުމުގެ ސަބަބުން ތަ؟ ނުވަތަ މޮނާ ލިސާއާއި ގުޅޭގޮތުން ފޮރުވިފައިވާ ކަންތައްތަކެއްގެ ސަބަބުންތަ؟ ނުވަތަ އެއީ ލިއެނާޑޯ ޑާ ވިންސީ ކުރެހި ކުރެހުމަކަށް ވީމަތަ؟

މި ތަސްވީރު އެހާ މަގުބޫލުވެގެން ދިޔައީ މިއިން އެއްވެސް ސަބަބަކާ ހުރެއެއް ނޫނެވެ. މި އަގުބޮޑު ކުރެހުމަކީ 1990 ގެ އަހަރުތަކުގައި އެހާ މަގުބޫލު ކުރެހުމެއް ނޫނެވެ.

ނަމަވެސް މި ކުރެހުން މަޝްހޫރު ވެގެން ދިޔައީ ވަގެއްގެ ސަބަބުންނެވެ. ''ދަ މޮނާ ލިސާ'' މި ކުރެހުން ވަގަށް ނަގާފައިވަނީ 1911 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

މި ކުރެހުމަށް ބިއްލޫރު ފްރޭމެއް ހަދަން ހަވާލު ކުރެވުނީ ފްރާންސްގެ ލޮވްރޭ މިޔުޒިއަމްގައި މަސައްކަތް ކުރަން އުޅުނު އިޓަލީ މީހެއް ކަމުގައިވާ ވިންސެންޒޯ ޕެރްގިއާއާއެވެ.

ނަމަވެސް މަސައްކަތް ފުރިހަމަ ކުރުމަށް ފަހު ވިންސެންޒޯ ރޭގަނޑުގެ ވަގުތު ހޭދަކުރީ މިއުޒިއަމްގެ އަލަމާރިއެއްގެ ތެރޭގައެެވެ. އެއަށްފަހު ހެނދުނު މިއުޒިއަމް ހުޅުވުމުން އެ ކުރެހުން އޮޅާލާފައި އޭނާގެ ޖެކެޓް ތެރެއަށް ލައިގެން ދިޔައެވެ.

މި ކުރެހުން މިއުޒިއަމްގައި ނެތްކަން އެނގުނީ ''މޮނާ ލިސާ'' ކުރަހަން ބޭނުންވެގެން އެ ބަލާލަން މިއުޒިއަމްއަށް ދިޔަ މީހެއްގެ ސަބަބުންނެވެ. އެއަށްފަހު ކުރެހުން ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ހުރިހާ ނޫސްތަކެއްގައި މި ތަސްވީރު ޖަހައި ހޯދުމަށް އިއުލާން ކުރެވުނެވެ. އެއަށްފަހު ލޮވްރޭ މިޔުޒިއަމް މަޝްހޫރުވެގެން ދިޔައެވެ. ''ދި މޮނާ ލިސާ'' ކުރެހުން ހަރުކުރުމަށް ހާއްސަ ކުރެވިފައިވާ ތަން ބަލައިލުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރަން ފެށިއެވެ.

މި ކުރެހުން ވަގަށް ނެގި މީހެއް ހޯދުމަށް ފުލުހުންނަށް ދަތިވިއެވެ. ޕެބްލޯ ޕިކަސޯއަށް ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް ކުރެހުން ގެންދިޔަ ވިންސެންޒޯގެ އެއްވެސް ޚަބަރެއް ނުވެއެވެ.

އޭގެ ދެތިން އަހަރެއްގެ ފަހުން އެންމެން ވެސް މަޑުމަޑުން އެ ކުރެހުން މަތި ހަނދާން ނެތުނެވެ.

1913 ވަނަ އަހަރު އާޓް ޑީލަރެއް ކަމަށްވާ އަލްފްރެޑޯ ގެރީއަށް ގޮތް ނޭގޭ ސިޓީއެއް ލިބުނެވެ. މި ސިޓީގައި ގެއްލުނު ''މޮނާ ލިސާ'' ތަސްވީރު އޮތް ކަމަށް ބުނެފައިވެއެވެ. ތަސްވީރު ވިއްކާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އަލްފްރެޑޯ ވިންސެންޒޯއާ ބައްދަލު ކޮށްފައިވަނީ އިޓަލީގެ ފްލޮރެންސްއިންނެވެ. އަދި އެ ކުރެހުމަކީ އޮރިޖިނަލް ކުރެހުންކަން އެނގުނެވެ.

ދެ އަހަރު ވަންދެން މި ކުރެހުން ބޭނުންކޮށްފައިވަނީ ވިންސެންޒޯގެ ކާމޭޒެއްގެ ގޮތުގައެވެ. އަދި ވަރަށް އަވަހަށް ވިންސެންޒޯ ހައްޔަރު ކުރެވުނެވެ.

ވިންސެންޒޯ މި ތަސްވީރު ވަގަށް ނެގީ އޭނާއަށް މޮނާ ލިސާ ދެކެ ލޯބިވެވުމުން ކަމަށް ކޯޓުގައި ބުނެފައިވެއެވެ. އަދި ޑާވިންސީ ކުރެހި ކުރެހުމެއް ކަމުން އެއީ އިޓަލީގެ ކުރެހުމެއް ކަމަށް ވެސް ބުންޏެވެ.

ވިންސެންޒޯއަށް ޖަލު ހުކުމް އިއްވީ އެންމެ އަހަރަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޑާވިންޗީ މިކުރެހުމާ ގުޅޭގޮތުން ބުނެފައިވަނީ "އަހަރެންގެ ހަގީގަތް ފޮރުވިފައިވަނީ މިކުރެހުމުގައި" ޓެކްނޮލޮޖީގެ އެހީގައި މިކުރެހުމުގެ ލޭޔަރތައް ވަކިކުރިއުރު އެނގިފައިވަނީ، މިކުރެހުމުގެ ފޭސްގެ ހުރިހާ އޭންގަލްއިން ޑާވިންޗީގެ ފޭސްއާއި ދިމާވާކަން. އަދި މިކުރެހުމުގައި އެންމެ އަޑީގެ ލޭޔަރގައި އިނީ ޑާވިންޗީގެ ފޭސްކަމާއި އަދި އޭގައި އަންހެން ސިފަ ޖައްސާފައިވާކަން. ދިރާސާވެރިން ބުނަނީ ޑާވިންޗީއަކީ ފާޅުގައި އަންހެން ފިރިހެން ފާތުމައެއް ނޫނެއްކަމަކު އޭނާއަކީ އަންހެން ފިރިހެން ފާތުމައެއްކަމެވެ.

    • މާހިރާ

      މިތާނގައި މިސާލު ގެނެސްފައިވަނީ، މާނަ އޮޅޭގޮތަށް.