ނޮކިޔާގެ ފޯނުތަކަކީ މޯބައިލް ފޯނުތަކަށް އިންޤިލާބެއް ގެނައި ފޯނުތަކެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނޮކިޔާ "ބައްތި ފޯނަކީ" މިހާރުވެސް، ކުދި ބޭނުންތަކަށް އެފަދަ ދެވަނައެއް ނުވާ ފޯނަކަށްވާއިރު، އަނެއްކާވެސް، ނޮކިޔާގެ ފްލެގްޝިޕުގެ ދަށުން ނެރޭ މި ފޯނުތަކަކީވެސް، މިފަދަ އިންޤިލާބީ ފޯނުތަކަކަށްވުން ގާތެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުން، ލީކުކޮށްލާފައިވާ ބައެއް ކުރެހުންތަކުން ހާމަވާ ގޮތުގައި، ނޮކިޔާ ބްރޭންޑުގެ ދަށުން ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވާ ފޯނުގައި ފަސް ކެމެރާ ހިމެނެއެވެ. މި ކެމެރާތައް ހިމެނެނީވެސް ފޯނުގެ ރިއަރގައެވެ.

"ނޮކިޔާ 8 ޕްރޯ" ގައި ހިމެނޭ ޒެއިސް ކެމެރާތަކުގެ ޕޭޓަންޓެއްވެސް ހައްދާފައިވާކަމުގެ އަޑުތަކެއް މީގެކުރިން ފެތުރިފައިވާއިރު، ފޯނުގެ އެހެން ސިފަތަކަކީވެސް، ވަރުގަދަ ސިފަތަކެއްކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ.

އެގޮތުން، ބެޓެރީގެ ބާރުގަދަކަމަށާއި، ފޯނު ހަލުވިކޮށްދޭ އެތައް ޓެކްނޮލޮޖީތަކެއް ހިމަނާފައިވާކަމަށް ބުނެއެވެ. ހަމައެހެންމެ، ފޯނުގެ ކުރިމަތީގަޔާއި ފަހަތުގައި ހަރުކޮށްފައިވަނީ ތްރީ-ޑީ ބިއްލޫރިކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ނޫސްތަކުން ބުނާ ގޮތުގައި މި ފޯނު ނެރޭނެކަމަށް ބެލެވެނީ މި އަހަރުގެ މެދު ތެރޭގައެވެ. އެހެންކަމުން، މި މަހުގެ 26 ވަނަ ދުވަހު ފަށާ ދުނިޔޭގެ ފޯނު ކޮންގްރެސްގައި، ފޯނުގެ ރަސްމީ މައުލޫމާތުތައް ހާމަކުރާނެކަމަށް ބެލެވެއެވެ.