އިންޑިއާގެ މަޝްހޫރު ފޮޓޯގްރާފަރު ޑަބޫ ރަޓްނަނީގެ ސިގްނޭޗަރު ކަލަންޑަރަކީ މަޝްހޫރު ތަރިންގެ ފޮޓޯތައް ހިމެނޭ އެއްޗެކެވެ. އެތައް ބަޔަކު އެ ފޮޓޯތަކަށް އިންތިޒާރު ކުރެއެވެ. މިފަހަރު ކޮވިޑް-19ގެ ޕެންޑެމިކްއާ ހެދި، އޭނާގެ ކަލަންޑަރު ނެރެފައި ވަނީ ޑިޖިޓަލްކޮށެވެ. އޭގައި ހުރި ތަރިންގެ އާ ފޮޓޯތައް އޭނާ ދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އެގޮތުން މިދިޔަ ހަފްތާ ތެރޭގައި އޭނާ އާއްމުކޮށްފައި ވަނީ އޭނާގެ ކަލަންޑަރުން ޝާހްރުކްގެ ފޮޓޯއެކެވެ. އެއީ އޭނާ ގަމީސް ބާލާފައި ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯ އާއްމު ކުރުމުން އެތައް ބަޔަކު ކޮމެންޓްކޮށްފައި ވެއެވެ. އަދި ޝާހްރުކްގެ ހަށިގަނޑުގެ ރީތިކަމުގެ ވާހަކަތައް ދައްކާފައި ވެއެވެ.

ޑަބޫ މީގެ ކުރިން މިގޮތަށް އާއްމު ކުރާ ފޮޓޯތަކަކީވެސް ރީތި އަދި އެތައް ބަޔަކަށް ކަމުދާ ފޮޓޯތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭނާ މިދިޔަ ހަފްތާ އާއްމު ކުރި ޝާހްރުކްގެ ފޮޓޯއަށް ލިބިފައި ހުރި ކޮމެންޓްތަކަށްބަލާއިރު، ގިނަބަޔަކު ވަނީ ޝާހްރުކްގެ ރީތިކަމުގެ ވާހަކަ ދައްކާފައެވެ. އެ ފޮޓޯއަށް އެއްލައްކައާ ގާތް ކުރާ އަދަދަަކަށް ލައިކް ލިބިފައިވާއިރު، 1200 އަށްވުރެ ގިނަ ކޮމެންޓް ލިބިފައެވެ.

ޑަބޫގެ ކަލަންޑަރު 2021ގައި މިފަހަރު އާއްމު ކުރި ފޮޓޯތަކުގެ ތެރޭގައި ހިމެނެނީ ސަނީ ލިއޯން، ވިދްޔާ ބާލަން، ވިކީ ކައުޝަލް، ސައިފް އަލީ ޚާން، ކިއާރާ އަޑްވާނީ އަނަންޏާ އާއި އަބީޝޭކް ފަދަ ތަރިން ހިމެނެއެވެ.

ޝާހްގެ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމް ޕަތަން އިންނެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2018 ވަނަ އަހަރު ނެރުނު ޒީރޯއިންނެވެ