ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އެެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ ދަނީ ދެކެވެމުންނެވެ. ދެ ތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނަމުން އަންނައިރު މި ތަރިން އަދި އެފަދަ ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާރު މި ދެ ތަރިން އެކުގައި ތިބީ އިންޑިއާގައެވެ. ނިކް އާއި ޕްރިޔަންކާގެ މަންމަ އާއިވެސް ބައްދަލުވެއްޖެއެވެ. އެންމެ ފަހުން މި ދެ މީހުންގެ ގުޅުމާއި ބެހޭގޮތުން މީޑިޔާތަކުން ރިޕޯޓް ކުރި ހަބަރަކީ ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމެންޓް ހަފްލާގެ ވާހަކައެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ ކަށަވަރުނުވެ، އޮއްވައި އެންޖޭމެންޓް އަންނަ މަސް ތެރޭގައި ބާއްވާ ހަބަރު އައިސް ފައި މި ވަނީ ޕްރިޔަންކާގެ އާއިލާއާއެކު ބޭއްވި ރޭގަނޑުގެ ކެއުމަކަށް ފަހު ކަމަށް ވެއެވެ.

ޕްރިޔަންކާގެ މަންމަ ބައެއް މީޑީޔާތަކާއި ވާހަކަ ދައްކަމުން މީގެ ކުރިން ބުނެފައިވަނީ، އޭނާއަށް އަދި ނިކް މާބޮޑަށް ނޭނގޭ ކަމަށެވެ. އެހެންކަމުން އެ ދެމީހުނާއި މެދު އެއްޗެއް ބުނަން އެނގޭނީ ނިކްގެ ކަންކަން ރަނގަޅަށް އެނގުމުން ކަމަށް އޭނާ ބުންޏެވެ.

ޒުވާން ލަވަކިޔުންތެރިޔާ ނިކް ބޭނުންވަނީ ޕްރިޔަންކާ އާއި ކައިވެނި ކުރާށެވެ. މީގެ ކުރިން ނިކް އެހެން ބައެއް މީހުންނާއި ލޯބީގެ ގޮތުން ގުޅިފައި ވިޔަސް، އޭނާ އެއްވެސް ވަރަކަށް އެއިރު "ސީރިއަސް" ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ޕްރިޔަންކާއާ ދިމާވި ފަހުން އޭނާ މިހާރު ހުރީ ކައިވެންޏަކާއި ހަމައަށްދާން ތައްޔާރަށް ކަމަށް ވެއެވެ.