ސަތޭކަ މިނިޓަށް ދިގުދެމިގެންދާ، ވަރަށް މަދުން ނޫނީ ނުފެންނަ ލޭ ހަނދެއް (ބްލަޑް މޫންއެއް) ގައި އަންނަ މަހު ހަނދުކޭތަ ހިފާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު ހިފާ މި ހަނދުކޭތަ، އެއްގަޑި އިރާއި 43 މިނެޓަށް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެފައިވާއިރު، މިހާތަނަށް އެންމެ ގިނަ ވަގުތަށް ހަނދުކޭތައެއް ހިފާފައިވާކަމަށް ރެކޯޑް ކުރެވިފައި ވަނީ 107 މިނެޓަށް ކަމަށް އެފަރާތްތަކުން ބުނެއެވެ. އެ ހަނދުކޭތަ ހިފާފައި ވަނީ ދެހާސް ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގައެވެ. ހޯދުންތަކުން އެނގޭ ގޮތުގައި 107 މިނެޓަށްވުރެ ހަނދުކޭތައިގެ ވަގުތު ދިިގު ވުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ހަނދުކޭތަ ހިފާ ވަގުތު ހަނދު ދައުރުކުރާނީ، ދުނިޔޭގެ އެންމެ އަނދިރި ހިޔަނީގެ ތެރެއިންނެވެ. މިކަމުގެ ސަބަބުން ހަނދުގައި ރަތްކަމެއް ހުންނާނެއެވެ. މިފަދަ ހަނދަށް "ބްލަޑް މޫން"ގެ ނަމުން ނަންދެވިފައިވަނީ މި ސަބަބަށްޓަކައެވެ.

ޖުލައި 27 ވަނަ ދުވަހުގެ ރޭ ހިފާ މި ހަނދުކޭތަ، އެއްވެސް އާލާތެއް ބޭނުން ނުކޮށްވެސް ހަމަލޮލަސް ފެންނާން ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނާއިރު، މިއީ މި ގަރުނުގައިވެސް ދެން ފެންނާނެ މިފަދަ ހަމަ އެކަނި ހަނދުކޭތަ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ހަނދުކޭތަ ޖުލައި 27 ވަނަ ދުވަހު ބައެއް ޤައުމުތަކަށް އިރު އޮއްސުމުގެ ކުރިން ހިފަން ފަށާއިރު، މެދުތެރޭ އޭޝިއާ އާއި މެދު އިރުމަތީގެ ޤައުމުތަކުގެ އިތުރުން އިރުމަތީ އެފްރިކާ ސަރަޙައްދުގެ ޤައުމުތަކަށް ރީއްޗަށް ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މި ތާރީޚީ ހަނދުކޭތަ ދުނިޔޭގެ ހުރިހައި ހިސާބަކަށް ނުފެންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ހަނދު ކޭތަ ހިފަނީ، މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި އިރު ވަށައިގެން ދުނިޔެ ދައުރުވާ ދައުރުވުމުގައި، ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅޭއިރު، މިއީ ހަނދު ކޭތަ ހިފާ ވަގުތެވެ. އިރުކޭތަ އާއި ޚިލާފަށް، ހަނދު ކޭތަހިފާ މަންޒަރު ހަމަލޮލުން ބެލުމަކީ އޭގެ ސަބަބުން ލޮލަށް ގެއްލުމެއް ލިބޭނެ ކަމެއް ނޫނެވެ.