އަނބިމީހާގެ ބޮލުގައި މަރުގެ އިލްޒާމު އަޅުވައި އޭނާ "ފްރޭމް ކުރަން" އުޅުނު ފިރިހެނަކު، މަރުވީ ކަމަށް ހެދިގެން ދެ އަހަރުވަންދެން އުޅެފިއެވެ. އިންޑިއާގެ އަވަށަކަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެ ފިރިހެން މީހާ މިހާރު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

އެ ފިރިހެން މީހާ އާއި އޭނާގެ އާއިލާ ބޭނުންވީ އޭނާ ކައިވެނި ކުރި އަންހެން މީހާގެ އާއިލާ ބޮޑު މައްސަލައެއްގެ ތެރޭގައި ބައްދާލުމަށެވެ. އެ ނިޔަތުގައި އެ ފިރިހެން މީހާ ވަނީ އޭނާގެ އާއިލާ ގާތުގައި އޭނާ މަރާލާފައި ވަޅުލައިފިކަމަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދިފައެވެ.

އެގޮތަށް އެކަން ކުރަން އެ ފިރިހެން މީހާ ބޭނުންވީ އޭނާގެ އަނބިމީހާ އޭނާ އަނިޔާ ކުރާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ކޯޓު ތެރެއިން ހައްލުވިއެވެ. ނަމަވެސް އެ ފިރިހެން މީހާ ބޭނުންވީ އެކަމުގައި އޭނާގެ އަނބިމީހާ އާއި އޭނަގެ އާއިލާއަށް ބަދަލު ހިފާށެވެ.

އެ ފިރިހެން މީހާގެ އާއިލާއިން އޭނާ ބުނިގޮތަށް އެކަންތައް ކުރިއެވެ. އެ ފިރިހެން މީހާ މަރާލީ އޭނާގެ އަނބިމީހާ އާއި އޭނާގެ ބޭބެކަމަށް ފުލުހުން ގާތު ބުންޏެވެ. އެ މައްސަލާގައި އެ އަންހެން މީހާއާއި އޭނާގެ ބޭބެގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، ފުލުހުންނަށް މި ފިރިހެން މީހާ ފެނުނީ މަގުމަތިން ހިނގާފައި ދަނިކޮށެވެ. އޭނާ އަތުލައިގަތީ ވަޒީފާއަށް ދިޔަ މަގުމަތީގައި ކަމަށް ވެއެވެ.

ފުލުހުންނަށް އެ މީހާ ފެނުނީ އޭނާއަށް ފާރަލައިގެން މައުލޫމާތު ހޯދަމުން އަންނަތާ އަށް ވަރަކަށް މަސް ފަހުންނެވެ. ފުލުހުން އޭނާއަށް ފާރަލަން ފެށީ އޭނާ މަސައްކަތްކުރާ ފެކްޓީއެއްގެ މުވައްޒަފަކު އޭނާގެ އުޅުން ހުންނަ ގޮތުން ކަންތައްތަކެއް ސިއްރުކުރާކަން އެނގުމުންނެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އެ ފިރިހެން މީހާ މަރާލިކަމަށް ބުނެ އެ އާއިލާއިން ފުލުހުނަށް ހުށަހެޅިއިރު، އެ ފިރިހެން މީހާ އެންމެ ފަހުން ފެނިފައިވަނީ އޭނާގެ އަނބިމީހާގެ ގެއިން ކަމަށް ވެއެވެ. އެއަށްފަހު އަވަށް ދޫކޮށް އެހެން ހިސާބަކަށް ދިރިއުޅުން ބަދަލުކޮށްގެން އުޅުނީ، ފޭކު އައިޑީއެއް ހަދައިގެން ނަންވެސް އޮޅުވާލައިގެންނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދަޢުވާ ސާބިތުވެއްޖެނަމަ، ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު