ބިލް ގޭޓްސް އާއި މެލިންޑާ ފްރެންޗް ވަރިވާން ނިންމިކަން މެއި މަހު އިއުލާން ކުރި ފަހުން މިހާތަނަށް ބިލް ގޭޓްސްގެ ނަމުގައި ހުރި އެކި ކުންފުނިތަކުގެ ހިއްސާގެ ތެރެއިން ހަބިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ މެލިންޑާގެ ނަމަށް ބަދަލު ކޮށްފައިވާ ކަމަށް "ބްލޫމްބާގް" އިން ރިޕޯޓް ކޮށްފިއެވެ.

ބިލް ގޭޓްސް އާއި މެލިންޑާގެ ކައިވެނި ރޫޅާލަން ނިންމުމުން ދެމީހުންގެ ދެމެދުގައި މުދާ ބެހުމާއި މެދު ވެފައި އޮތް އެއްބަސްވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ވަރީގެ މައްސަލަ ކޯޓުން ނިންމި އިރު ވެސް ބުނެފައި ވަނީ ބިލް ގޭޓްސް އާއި މެލިންޑާ ވަރިވުމުން މުދާ ބަހާނެ ގޮތަކާއި މެދު ދެމީހުންގެ ދެމެދުގައި އެއްބަސްވުމެއް ގާއިމު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުން ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ބިލް ގޭޓްސްގެ ނަމުގައި އޮތް ދެބިލިއަން ޑޮލަރުގެ ހިއްސާ ވަނީ މެލިންޑާގެ ނަމަށް ބަދަލު ކޮށްފައެވެ.

މެލިންޑާގެ ނަމަށް މިހާތަނަށް ބަދަލުކޮށްފައިވާ ހިއްސާތަކުގެ ތެރޭގައި އޮޓޯނޭޝަންގެ 3.3 މިލިއަން ހިއްސާ ހިމެނެއެވެ. އެއީ 387 މިލިއަން ޑޮލަރުގެ ހިއްސާއެވެ. މީގެ އިތުރުން ޑީރް އެންޑް ކޯގެ 2.8 މިލިއަން ހިއްސާ ވަނީ މެލިންޑާގެ ނަމަށް ބަދަލު ކޮށްފައެވެ. އެއީ އެއްބިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ އެވެ.

ކެނޭޑިއަން ނޭޝަނަލް ރެއިލްވޭ އިން ވެސް 9.5 މިލިއަން ހިއްސާ ވަނީ މެލިންޑާގެ ނަމަށް ބަދަލު ކޮށްފައެވެ. އެއީ ވެސް އެއްބިލިއަން ޑޮލަރުގެ އަގުހުރި ހިއްސާއެވެ.

ބިލް ގޭޓްސް އާއި މެލިންޑާ އާއި ދެމީހުންގެ މިލްކިއްޔާތު އެއްކޮށްލުމުން ދެމީހުންގެ މިލްކިއްޔާތުގައި 152 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ބްލޫމްބާގް އިން ރިޕޯޓް ކުރެއެވެ. އެނޫހުން ރިޕޯޓް ކުރާ ގޮތުގައި އަދި ކުރިއަށް އޮތްތަނުގައި ވެސް ބިލް ގޭޓްސްގެ ގިނަ ހިއްސާތަކެއް މެލިންޑާގެ ނަމަށް ބަދަލު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    އަހަރުމެން ބައެއްމީހުން ގަބޫލުކުރާގޮތުގައި ފައިސާ އަކީ ކައިވެއްޔެއް ދަމަހައްޓަން ވަރަށް މުހިއްމު އެއްޗެއް. އެކަމަކަކު ބިލިއަނަރުންވެސް ވަރިވަނީދޯ. އެމޭޒަންގެ ވެރިޔާ ޖެފް ވެސް ވަރިވީ!!