ފިރުއައުނުމުދާ ނުވަތަ ޖެލީފިޝްގެ އާވައްތަރެއް ކަނޑުގެ 2300 ފޫޓު އަޑިން ހޯދައިފި އެވެ.

2021 ވަނަ އަހަރުގެ ނޯތް އެޓްލާންޓިކް ސްޓެޕިން ސްޑޯން ދަތުރުގެ ތެރެއިން ހޯދާފައިވާ މި ފިރުއައުނުމުދަލަކީ ފަތިކޮށް ރަތްކުލައިގައި އޮންނަ އެއްޗެކެވެ. ޖުލައި މަހުގެ ފަހުކޮޅު ކަނޑުއަޑީގެ ދިރުންތަކާއި ގުޅޭގޮތުން ހޯދުންތައް ހޯދުމަށް ކުރި ދަތުރުގައި މި ސްޕީޝީސް ފެނިފައި ވަނީ ގުއިން ގިރަސެކް ކިޔާ ޑައިވަރަކަށެވެ.

ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އޯޝަން އެލްސްޕްލޮރޭޝަން އޮގަނައިޒޭޝަން އިން ކުރިޔަށް ގެންދިޔަ މި ޑައިވިން ސެޝަންގައި އިތުރު ތަފާތު އެތައް ކަނޑުގެ ދިރޭތަކެތި ވަނީ ހޯދާފައި އެވެ.

ރިމޯޓްއިން ކޮންޓްރޯލް ކުރެވޭ އުޅަނދު، ޑީޕް ޑިސްކަވަރީގެ އެހީގައި އާ ފިރުއައުނުމުދަލެއް ހޯދާފައިވާއިރު މި އުޅަނދަކީ ކަނޑުގެ 6،000 މީޓަރު އަޑިޔަށް ދިއުމުގެ ގާބިލުކަން ހުރި އުޅަނދެކެވެ.

ޖެލީފިޝް ނުވަތަ ފިރުއައުނުމުދާގެ އެކި ވައްތަރުތައް އުޅޭއިރު ދުނިޔޭގެ އެކި ހިސާބުތަކުން އެކި ސައިޒުތަކުގައި މި ދިރުން ފެނެއެވެ. ގިނަފަހަރަށް މިއީ ވަރަށް ވިހަގަދަ އެއްޗަކަށްވެސް ވެއެވެ. އަދި އާދަޔާ ހިލާފަށް ބޮޑުވެފައި އާދަޔާ ހިލާފަށް އިތުރުވާ އެއްޗެއްކަންވެސް ފާހަގަ ކުރެވެއެވެ.

ކަނޑުގެ އަޑީގައި ކޮލެޓީ ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ ހައި ޑެފިނިޝަން ވީޑިއޯ ނެގޭގޮތަށް އުފައްދާފައިވާ އުޅަނދެކެވެ. ކަނޑުގެ އަޑީގައިވާ ދިރުންތަކުގެ ތެރެއިން އިންސާނުނަނަށް އަދި ހޯދިފައި ވަނީ ވަރަށް ކުޑަ މިންވަރެކެވެ. ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައިވެސް ކަނޑުގެ އަޑީގައި ދިރުންތަކުގެ ފުރިހަމަ ހަގީގަތެއް އަދި ހޯދަން އިންސާނުންނަށް ވަނީ ނުކުޅެދިފަ އެވެ.