ކޮރަޕްޝަނާއި ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެގެން ދެއަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވާފައިވާ ސަމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ޖޭ ވައި ލޭ ޕެރޯލްގެ ދަށުން ޖަލުން މިނިވަން ކޮށްފިއެވެ. ލީ ޖަލުން މިނިވަން ކުރިއިރު އޭނާ ތަންފީޒު ކޮށްފައި ވަނީ ހަތް މަސް ދުވަހުގެ ޖަލު ހުކުމެވެ.

ދުނިޔޭގެ 202 ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނާ ލީގެ މިލްކިއްޔާތުގައި 11.4 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ފޯބްސް އިން ބުނެއެވެ.

ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ހޯމަ ދުވަހު ބުނީ ލީ ޖަލުން މިނިވަން ކުރީ ޕެރޯލްގެ ފުރުސަތު ލިބުނު 800 ވަރަކަށް ގައިދީންގެ ތެރޭގައި ހިމެނިގެން ކަމަށެވެ. އެހުރިހާ ގައިދީން ވެސް މިހާރު ވަނީ މިނިވަން ކޮށްފައެވެ. ގިނަ ގައިދީންތަކެއް ޕެރޯލްގެ ދަށުން ދޫކޮށްލީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނާއި އިހްތިސޯދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެއެވެ.

އުމުރުން 53 އަހަރުގެ ލީ ޖަލުން ނިކުތް އިރު ޖަނަވަރީ މަހު އޭނާ ޖަލަށްލި އިރަށްވުރެ ހިކިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސޯލްގައި ލީ ބަންދުގައި ހުރި ޖަލުން ނިކުމެ ލީ ވަނީ އޭނާ އަށް ކުރެވުނު ކުށަށް މާފަށް އެދިފައެވެ.

ލީ ބުނީ ފާޑުކިޔުންތައް ބަލައި ގަންނަ ކަމަށާއި އޭނާގެ ކިބައިން އުއްމީދު ކުރާ ފަދަ ރަނގަޅު މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި އޭނާ ކުރާނެ ކަމަށެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ މައްޗަށް ޖަލު ހުކުމް އިއްވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އޭގެ ތެރެއިން ވަރަށް ގިނަ މީހުން ތަންފީޒު ކުރަނީ އެމީހުންގެ މައްޗަށް އިއްވާ ޖަލު ހުކުމުގެ ވަރަށް ކުރު މުއްދަތެކެވެ.