ދެފަހަރަށް ކެންސަރު ޖެހި އެ ބަލިން ރަނގަޅުވި އިންގްލޭންޑަށް ނިސްބަތްވާ ޒުވާން މަންމައަކު ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ކޭޓީ ވްރައިޓް މި ދުނިޔެ ދޫކޮށްފައި ވަނީ އޮގަސްޓް ހަތަރު ވަނަ ދުވަހުއެވެ. އޭނަ ދުނިޔެ ދޫކުރީ، ހަތަރު އަހަރުގެ އަންހެން ދަރިފުޅާއި، ފިރިމީހާ ޖަމާލް އާއި އެމީހުންގެ ގާތް އެންމެންްގެ ހިތް ކުދިކުދިކޮށްލާފައެވެ. އޭނާއަކީ ދަރިފުޅަށް ވަރަށް ރަނގަޅު މަންމައެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކޮށްފައިވާއިރު، އެއީ ވަރަށް ރަނގަޅު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ފިރިމީހާ ފާހަގަކޮށްފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ދެވަނަ ފަހަރަށް ކޮވިޑް ޖެހިގެން ނިއުމޯނިއާއަށް ބަދަލުވެ، ބަލިން ރަނގަޅު ނުވެވުނީއެވެ. މިއީ އާއްމުކޮށް ކޮވިޑްގައި މީހުން މަރުވާ އެއް ސަބަބު ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އޭނާއަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހެއްކަން ނުވަތަ ނޫން ކަން ސާފް ނުވާ ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޭޓީއަކީ ދެފަހަރަށް ކެންސަރު ޖެހިގެން އެ ބަލިން ރަނގަޅުވެފައިވާ މީހެކެވެ. އެގޮތުން އޭނާއަށް ފުރަތަމަ ކެންސަރު ޖެހުނީ އުމުރުން 17 އަހަރުގައެވެ. ލިމްފް ގްލޭންޑްތަކުގައި އުފެދޭ ކެންސަރު ކަމަށްވާ ލިމްފޯމާ ކެންސަރު އޭނާއަށް ޖެެހިިގެން ކީމޯތެރަޕީ ދީގެންނާއި ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދައިގެން ރަނގަޅުވެފައި ވަނިކޮށް، 2016 ވަނަ އަހަރު އޭނާ މާބަނޑުވިއެވެ. އެއީ އޭނާ މާބަނޑު ވެދާނެ ކަމުގެ އުއްމީވެސް ގެއްލިފައި ވަނިކޮށެވެ. އޭނާ އުފަލުގައި އުޅެމުން ދަނިކޮށް ދެން އޭނާ އަށް އަނެއްކާވެސް ކެންސަރު ޖެހުނީ 2019 ވަނަ އަހަރު އެވެ. މިއާއެކު ދެވަނަ ފަހަރަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދައިގެން އެކަމުން ސަލާމަތް ވިއެވެ.

ނަރުސްކަމުގެ ދާއިރާގައި ތައުލީމްވެސް ހާސިލް ކުރަމުންދިޔަ ކޭޓީގެ މަރާއެކު އާއިލާއިން ތިބީ ހިތާމައިގައެވެ. ރަހުމަތްތެރިންނަށްވެސް އަދިވެސް ތިބީ އެހާ ގާތް މީހަކު ވެކިވެގެން ގޮސްދާނެ ކަމަށް ގަބޫލުވެސް ނުކުރެވިއެވެ.